ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެނީ

ދިވެހި ދައުލަތަށް ޙިދުމަތް ކުރުމުގެ އިނާމު 138 މީހުނަށް ދެނީ -- ފޮޓޯ/ ރައީސް އޮފީސް

މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ރައީސް އޮފީހުން ނިންމައިފިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިއަންނަ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒު، އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީން ކަމަށެވެ.

އެ ބަޔާނުގައި ބުނީ، އެ 138 ބޭފުޅުންގެ ތެރޭގައި ދައުލަތަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ 70 މީހުން ހިމެނޭ ކަމަށެވެ.

މި އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުކުރާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޝަރަފުވެރި އިނާމެކެވެ.

comment ކޮމެންޓް