ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހަޅަން ހުޅުވައިލައިފި

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވައިލައިފިއެވެ.

ރައީސް އޮފީހުން ވަނީ އިނާމު ދިނުމުގެ އުސޫލު ގެޒެޓުގައި މިހާރު ޝާއިޢުކޮށްފައެެވެ.

މި އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

އިނާމަށް ހުށަހެޅޭނީ، މިއަދުން ފެށިގެން އަންނަ މަހުގެ 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ. ޕޯޓަލްގެ އެޑްރެހަކީ http://apply.presidency.gov.mv އެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.

މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.

މިދިޔަ އަހަރު ވެސް ދައުލަތުގެ ޝަރަފުވެރި އިނާމުތައް ވަނީ ދީފައެވެ.

comment ކޮމެންޓް