ކައިވެނި ރޫޅުނަސް ކިރަންއަށް އެއީ ހިތާމައެއް ނޫން

ޑައިރެކްޓަރު ކިރަން ރާއޯ--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ލާޕަތާ ލޭޑީސް"ގެ ޑައިރެކްޓަރު ކިރަން ރާއޯއާ ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ 16 އަހަރުވީ ކައިވެނި ރޫޅާލަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް އެ ނިންމުމާ މެދު އުފާކުރާ ކަމަށް ކިރަން ބުނެފިއެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކިރަން ބުނީ, 2021ވަނަ އަހަރު ކައިވެންޏަށް ނިމުން ގެނައުންވީ ވަރަށް އުނދަގޫ އަދި ދެ ފަރާތުގެ އާއިލާއަށް ވެސް ގަބޫލުކުރަން ދަތި ނިންމުމެއް ކަމުގައެވެ. އެހެންނަމަވެސް, މިއަދު ދެ މީހުންގެ ވަރިވުން ސިފަކުރަނީ އުފާވެރި ވަރިވުމެއްގެ ގޮތުގައި ކަމަށް ކިރަން ވަނީ ބުނެފައެވެ.

ކިރަން ދެކޭގޮތުގައި ކިތަންމެ ދިގު މުއްދަތަކަށް އެކީގައި އުޅޭ ދެ މީހުންނަކީ ވެސް ދުވަސްތައް ހޭދަވާ ވަރަކަށް އެކި ބަދަލުތައް އެ މީހުންގެ މިޒާޖަށް އަންނާނެ މީހުންނެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ދިރިއުޅުމާ މެދު ދެކޭގޮތް ބައެއް މީހުން ބަދަލުވެ, ވިސްނުމަށް ވެސް ބޮޑު ތަފާތެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކިރަން ވަނީ ބުނެފައެވެ.

ރަހުމަތްތެރިކަމުގެ ގުޅުމުން ލޯބީގެ ގުޅުމަށް ބަދަލުވެ، ކައިވެންޏާ ހަމައަށް ގޮސް ދިރިއުޅުމުގެ އެކި ކަންކަމާ މެދު ދެކޭގޮތް ތަފާތުވާން ފެށުމުން އާމިރާ ދެ މީހުން ވަކިވާން ނިންމީ ކަމަށް ކިރަން ބުނެފައިވެއެވެ.

އާމިރާ ބައްދަލުވުމުގެ ކުރިން ކިރަންއަކީ އެކަނި ދިރިއުޅުނު މީހެއް ކަމަށާއި އާމިރު ވަކިވުމުން އެކަނިވެރިކަން ފިލުވައިދެނީ ސަރޮގޭޓް މަންމައެއް މެދުވެރިކޮށް ދެ މީހުން ހޯދި ދަރިފުޅު އާޒާދު ކަމަށް ކިރަން ވަނީ ބުނެފައެވެ.

ކިރަން ރާއޯ އަދި އާމިރު ޚާން--ފޮޓޯ/ކޮއިމޮއި
އާމިރާ ދެ މީހުންގެ ކައިވެނީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް އާމިރުގެ އާއިލާއިން ކިރަންއަށް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބޭ ކަމަށް ގިނަ ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ ކިރަން ވަނީ ބުނެފައެވެ. ވަކިވި ނަމަވެސް ދެ މީހުން އެކަކު އަނެކަކުގެ ހިތުގައި އަބަދު ވެސް އެކަކު އަނެކަކަށް ލޯތްބާއި އިހުތިރާމު އޮންނަ ކަމަށާއި ދިރިއުޅުމުގައި އެއީ ވަރަށް މަދު މީހަކަށް ހާސިލުކުރެވޭ ކަންކަން ކަމަށް ކިރަން ވަނީ ބުނެފައެވެ.

ކިރަން އެންމެ ފަހުން ޑައިރެކްޓްކޮށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ލާޕަތާ ލޭޑީސް"އަކީ އާމިރު ޚާން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

comment ކޮމެންޓް