ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 624 ގޯތި ދޫކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު ދޫކުރި 18 ގޯއްޗާ އެކު ހުޅުމާލެއިން ދޫކުރި ޖުމްލަ ގޯތީގެ އަދަދު 624އަށް ވަނީ އަރާފައި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު ދޫކުރި 18 ގޯއްޗާ އެކު މިހާތަނަށް ހުޅުމާލެއިން 624 ގޯތި ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ދޫކޮށްފައިވާ އަަދަދުތައް ހާމަކޮށްފައެވެ.

އެ ގޮތުން ހުޅުމާލެއިން 1408 ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ނިންމި އިރު، މިދިޔަ އަހަރު 465 ގޯތި ދޫކޮށްފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް 159 ގޯތި ދޫކޮށް، ޖުމްލަ 624 ގޯތި ހުޅުމާލެއިން ވަނީ ދޫކޮށްފައެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެތްތަކާއި ގޯތިތައް ދޫކުރުން ލަސްވާތީ، މާލޭގެ ރައްޔިތުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ މުޒާހަރާ ވެސް ކުރިއެވެ.

https://sun.mv/194477

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރުފަޅުންނެވެ.

މި ސަރުކާރުން ފްލެޓް ލިސްޓު ބާތިލުކުރަނީ ކަމަށް ބުނެ ފްލެޓް ލިބުނު ގިނަ ބަޔަކު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން، ފްލެޓު ލިސްޓު ބާތިލުނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައިވެއެވެ. އެ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމެނޭހެން ބޭފުޅުން ހާޒިރުކުރުމަށް ޕެޓިޝަން ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް