ދިރާގާއި ސްޕާކްހަބްއިން އައްޑޫގައި ބޭއްވި 'ލީން ސްޓާޓްއަޕް'އަށް ބޮޑު ތަރުހީބެއް

އައްޑޫގައި ބޭއްވި ލީން ސްޓާޓްއަޕް ހަރަކާތުގެ ބައިވެރިން: އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ސްޕާކްހަބްއިން ބުނޭ -- ފޮޓޯ/ ދިރާގު

ދިރާގާއި ސްޕާކްހަބްއިން އައްޑޫ ސިޓީގައި ބޭއްވި "ލީން ސްޓާޓްއަޕް" ވޯކްޝޮޕްއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ވިޔަފާރިކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ބޭއްވި ސްޓާޓްއަޕް ހަރަކާތް ކުރިއަށްގެންދިޔައީ މިދިޔަ ހުކުރު ދުވަހުން އިއްޔެގެ ނިޔަލަށް އައްޑޫ އީކުއޭޓާ ވިލެޖުގައެވެ.

މި ހަރަކާތުގައި ރާއްޖޭގައި އިނޮވޭޝަނާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ލީން މެތަޑޮލޮޖީތައް ބޭނުންކުރާނެގޮތް ދަސްކުރުމަށް ޝައުގުވެރިވި 50 ފަރާތަކުން ބައިވެރިވި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އައްޑޫ އެޑިޝަންއަކީ ޕްރޮޑަކްޓް، ކަސްޓަމަރު އަދި ވިޔަފާރި މޮޑެލް ބިނާކުރުމަށް ބޭނުންވާ 'ލީން މެތަޑޮލޮޖީ'އާއި އަމަލީ މަސައްކަތާ ގުޅޭ ގޮތުން ދަސްކޮށްދޭ ބޫޓްކޭމްޕެއް ކަމަށެވެ.

މީގެއިތުރުން ދިރާގުން ބުނީ މި ޕްރޮގްރާމަކީ އުއްމީދީ ޒުވާން ވިޔަފާރިވެރިންނާއި އީޖާދީ މީހުންނަށް ވިޔަފާރިއާއި އިނޮވޭޝަން ހިންގުމަށް ބޭނުންވާ ޒަރޫރީ ޢިލްމާއި ވަސީލަތްތަކާއި ވިސްނުން ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ދިރާގާއި ސްޕާކްހަބުން އައްޑޫގައި ބޭއްވި މި ހަރަކާތުގެ ބައިވެރިން ވަނީ ލީން މެތަޑޮލޮޖީގެ އުޞޫލުތައް އެފަރާތްތަކުގެ މަސައްކަތުގެ އެކި ޕްރޮސެސްތަކާއި ސްޓާޓްއަޕްތަކަށް އެޕްލައި ކުރެވިދާނެ ގޮތުގެ އިލްމާއި ހުނަރު ދަސްކޮށްފައެވެ.

އެގޮތުން، ދިރާގުން ބުނީ މި ހަރަކާތުގެ ސަބަބުން ކަސްޓަމަރު ވެލިޑޭޝަން އާއި އެކްސްޕެރިމެންޓޭޝަންގެ ޒަރިއްޔާއިން ޚިޔާލުތައް ދެނެގަތުމުގެ ތަފާތު ޕްލެޓްފޯމެއްވެސް ބައިވެރިންނަށް ލިބުނު ކަމަށެވެ.

މީގެއިތުރުން، ތަފާތު އެކްސްޕެރިމެންޓޭޝަން އުކުޅުތައް މެދުވެރިކޮށް
ބައިވެރިންގެ ޚިޔާލުތައް ޓެސްޓްކޮށް، އިތުރަށް ފުރިހަމަ ކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ތަޖުރިބާވެސް މި ހަރަކާތުގައި ވަނީ އެފަރާތްތަކަށް ފޯރުކޮށްދީފައެވެ.

ދިރާގުން ބުނީ، ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ފަރުމާކުރެވެނީ ބޭނުންކުރާ ފަރާތްތަކަށް ވިސްނައިގެންތޯ ކަށަވަރުކުރުމަށްޓަކައި ކަސްޓަމަރުންގެ މުޢާމަލާތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމު ހަރަކާތްތައްވެސް މި ޕްރޮގްރާމްގައި ބައިވެރިންނަށް ދަސްކޮށްދިން ކަމަށެވެ.

ސްޕާކްހަބްގެ ޗީފް ޑިވެލޮޕްމެންޓް އޮފިސަރު ފާތުމަތު ނީޝާ ވިދާޅުވީ ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕްގައި ލިބުނު ބޮޑު ތަރުހީބާ މެދު ވަރަށް އުފާވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމް އައްޑޫގައި މިފަހަރު ބޭއްވުމަކީ މުޅި ދިވެހިރާއްޖޭގައިވެސް ހަރުދަނާ ސްޓާޓްއަޕް ސަގާފަތެއް ގާއިމްކުރުމަށް އެފަރާތުން ދޭ އަހައްމިއްޔަތުކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އިނޮވޭޝަންގެ ސަގާފަތެއް އުފައްދައި، ލޯކަލް ސްޓާޓްއަޕް އިކޯސިސްޓަމް ގާއިމުކުރުމަށް އެހީތެރިވުމަކީ އެކުންފުނީގެ
މައިގަނޑު ފޯކަސް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮގްރާމުގެ ޒަރިއްޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ވިޔަފާރިވެރިންގެ އާ ޖީލެއް ބާރުވެރިކުރުވުން. އަދި އަޅުގަނޑުގެ އުންމީދަކީ މި ޕްރޮގްރާމްއިން ދަސްވިކަންކަން ހުރިހާ ބައިވެރިންވެސް އަމަލީ ސިފައެއްގައި ބޭނުންކުރުން." މިރްޝާން ވިދާޅުވިއެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕްގެ ބައިވެރިން ވަނީ މި ހަރަކާތުގެ ސަބަބުން އެކި މަސައްކަތްތަކަށާއި ވިޔަފާރި ހިންގުމަށް ކުރާނެ
ހެޔޮ އަސަރުތަކާ ބެހޭ ގޮތުން ޚިޔާލު ފާޅުކޮށްފައެވެ.

comment ކޮމެންޓް