ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު ދިރިއުޅުމުގެ ވަރަށް ބޮޑު ބައެއް ހޭދަކޮށްފައިވަނީ ބަޔަކު މީހުން އެޅުވި 'ބޭވަފާތެރިޔާ'ގެ ޓެގު އަޅުވައިގެން ކަމަށާއި އެ ކަމަށް ނިމުން މިހާރު ގެންނަންވެއްޖެ ކަމަށް ރަންބީރު ބުނެފިއެވެ.
ބަތަލާ އާލިއާ ބަޓްއާ ކައިވެނިކޮށް އަހަރު ފުރިފައިވާ ކުއްޖަކު ވެސް ހުރި ރަންބީރު ބުނެފައިވަނީ، އެކަން އެހެން ދިމާވީ ފިލްމު އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް ދެ ބަތަލާއިންނާ އެކު ލޯބީގެ ގުޅުން ބޭއްވުމުގެ ސަބަބުން ކަމަށެވެ. މަޝްހޫރު ޕޮޑްކާސްޓަ ނިކިލް ކަމަތުގެ ޝޯގައި ވާހަކަދައްކަމުން ރަންބީރު ބުނެފައިވަނީ މާޒީގައި ބޭއްވުނު ލޯބީގެ ގުޅުންތައް ނާކާމިޔާބުވުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އޭނާ ލޭބަލް ކުރަނީ 'ޕްލޭ ބޯއި' އެއްގެ ގޮތުގައި ކަމަށާއި އެކަމަކު އެއީ ހަގީގަތެއް ނޫންކަމަށެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާ އާލިއާއާ ކައިވެނިކުރުމުން ވެސް ގިނަ ބައެއްގެ ނުރުހުން ރަންބީރަށް ރައްދުވިއެވެ. ޚާއްސަކޮށް އާލިއާ އަކީ ރަންބީރުގެ ކުރީގެ ލޯބިވެރިން ކަމަށްވާ ދީޕިކާ ޕަދުކޯންއާއި ކެޓްރީނާ ކައިފްގެ ގާތް ރަޙުމަތްތެރިއަކަށްވުމުން އާލިއާއަށް ވެސް ބައެއް މީހުންގެ ފާޑުކިޔުންތައް ކުރިމަތިވިއެވެ.
މި ޕޮޑްކާސްޓްގައި ރަންބީރު ވަނީ ދަރިފުޅު ރަހާ ލިބުމަށް ފަހު ދިރިއުޅުމަށް އައި ބަދަލުތަކުގެ ވާހަކަ ބެލުންތެރިންނާ ހިއްސާކޮށް ބައްޕަ ރިޝީ ކަޕޫރާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ.
ދަރިފުޅު ރަހާ ލިބުމަށް ފަހު ރަންބީރުގެ މުޅި ދުނިޔެ ބަދަލުވެއްޖެ ކަމަށާއި ރަހާއަށް ވުރެ މުހިއްމު އަދި އިސްކަންދޭ އެއްވެސް ކަމެއް ނެތް ކަމަށް ރަންބީރު ވަނީ ބުނެފައެވެ.
ބައްޕައަކަށްވުމާ އެކު ރަންބީރުގެ މައިންބަފައިންގެ ޖަޒުބާތުތައް ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ ކަމަށާއި ބައްޕަ ރިޝީ ކަޕޫރު މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށް މި ޕޮޑްކާސްޓުގައި ވަނީ ބުނެފައެވެ. މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އެނިމަލް"އަށް ފަހު ރަންބީރު އެންމެ އަވަހަށް ފެންނާނީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ފިލްމު "ރަމަޔާނާ"އިންނެވެ.