ކޭޕޮޕް މިއުޒިކްގެ ތެރޭގައި މިއަދާ ހަމައަށް ވެސް އެންމެ ގިނަ ބަޔަކަށް އެނގޭ އެއް ގްރޫޕް ކަމަށްވާ 2އެންއީ1 (2NE1) މިއުޒިކް ހުއްޓާލިތާ ނުވަ އަހަރަށް ފަހުން އަލުން އެނބުރި އަންނަން އުޅޭކަން ކަށަވަރުކޮށްފިއެވެ.
ކޭޕޮޕް އޭ ބުނުމުން ގިނަ ބައެއްގެ ބޮލަށް އަންނަ ގްރޫޕްތަކުގެ ލިސްޓުގައި އަދިވެސް 2އެންއީ1 ހިމެނުމަކީ މި ގްރޫޕުގެ ބާރުގަދަކަން ސާބިތު ކޮށްދޭ ކަމެކެވެ.
ހަތަރު މެންބަރުން ޕާކް ބޮމް، ސީއެލް، ސެންޑްރާ ޕާކް އަދި މިންޒީ އެކީގައި އެނބުރި އައުމަށް މިހާރު އޮތީ ނިންމާފައެވެ. ގްރޫޕު އެކީގައި އަލުން އަންނާނެކަން އިއުލާނުކޮށްފައިވަނީ ގްރޫޕްގެ އޮރިޖިނަލް ރިކޯޑް ލޭބަލް ވައިޖީ އެންޓަޓެއިންމެންޓް އިންނެވެ.
"އައި އެމް ދަ ބެސްޓް" ފަދަ އައިކޮނިކް ލަވައާ އެކު އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި ގްރޫޕް އެންމެ ފުރަތަމަ ޑެބިއޫކުރީ 2009 ވަނަ އަހަރުއެވެ. އެ އަހަރު ގްރޫޕް ޑެބިއޫކުރީ "ފަޔާ" ނަމަކަށް ކިޔާ ސިންގަލްއަކާ އެކުގައެވެ. މި ގްރޫޕާ އެކު މުޅި ކޭޕޮޕްގެ މަލަމަތި އެއްކޮށް ބަދަލުވެގެން ގޮސްފައިވެއެވެ.
މުޅިން ކޭޕޮޕްގެ މިއުޒިކް ޖާންރާ އެއްކޮށް ބަދަލުކޮށްލައި މި ގްރޫޕް ތަފާތު ކާމިޔާބީތައް ހޯދައި ގްރޫޕް ރޫޅާލާފައިވަނީ 2016 ވަނަ އަހަރުގައެވެ.
އެންމެ ފަހުން ގްރޫޕް އަނބުރާ އަންނަން ރެޑީ ވެފައިވަނީ ވޯލްޑް ޓުއާއަކާ އެކުގައެވެ. މި ޓުއާ ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓުއާ ދޭއިރު އެމެރިކާއާއި އޭޝިއާގެ އެކި ގައުމުތަކުގެ އިތުރުން ޔޫރަޕަށް ވެސް ދިޔުމަށް ދަނީ ވާހަކަތައް ދެކެވެމުންނެވެ.
ގާތްގަނޑަކަށް 10 އަހަރާ ގާތް ކުރާ ބޮޑު ބްރޭކަކަށް ފަހު ގްރޫޕު އެނބުރި އަންނާތީ ހުރިހާ މެންބަރުން ތިބީ ވަރަށް ކެތްމަދުވެފައެވެ.
ގްރޫޕު ރޫޅާލި ނަމަވެސް މެންބަރުން ވަނީ އަމިއްލަ ކެރިއަރާ އެކު ކުރިއަށް ގޮސްފައެވެ. އެ ގޮތުން، އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ސީއެލްގެ ސޯލޯ ކެރިއަރެވެ.