ބަންގްލަދޭޝްގެ މުޒާހަރާތަކާ ގުޅިގެން ކޯޓާ ނިޒާމަށް ބަދަލު ގެންނަން ސުޕްރީމް ކޯޓުގެ އަމުރެއް

ބަންގްލަދޭޝްގައި ކުރާ މުޒާހަރާތަކުގެ ތެރެއިން: އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ ކޯޓާ ސިސްޓަމަށް ބަދަލުގެންނަން އަމުރުކޮށްފައި -- ފޮޓޯ/ އީޕީއޭ

ބަންގްލަދޭޝްގެ ސަރުކާރުގެ ބޮޑު މުސާރަ ލިބޭ ގިނަ ވަޒީފާތަކެއް އެގައުމުގެ މިނިވަންކަމަށް ހަނގުރާމަކުރި މީހުންގެ އާއިލާތަކަށް ޚާއްސަކޮށްފައިވާ ކޯޓާ ނިޒާމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އެ ނިޒާމަށް ބަދަލު ގެނައުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ބަންގްލަދޭޝްގެ ކޯޓާ ނިޒާމުގައި އޮންނަ ގޮތުން ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 30 ޕަސެންޓް ލިބެން ޖެހޭނީ 1971 ވަނަ އަހަރު އެގައުމުގެ މިނިވަން ކަމަށް ހަނގުރާމަ ކުރި މީހުންގެ އާއިލާތަކަށެވެ.

އެ ނިޒާމާ ދެކޮޅަށް މީގެ ކުރިން ވެސް މުޒާހަރާ ކުރުމާ ގުޅިގެން 2020ގައި އެ ނިޒާމަށް އަމަލުކުރުން ހުއްޓާލަން ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުން ނިންމިއެވެ. ނަމަވެސް މިދިޔަ މަހުގެ ފަހެއްގައި ހައިކޯޓުން އެ ނިންމުން ބާތިލުކޮށް، އަނެއްކާވެސް ކޯޓާ ނިޒާމަށް އަމަލުކުރަން އެންގުމުން ދަރިވަރުން މުޒާހަރާ ކުރަން ފެށީއެވެ.

އެ މުޒާހަރާތަކުގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުންތައް ހިނގައި މިހާތަނަށް 100އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކޯޓާ ނިޒާމުގެ ދަށުން ވަޒީފާތަކުގެ 93 ޕަސެންޓް ދޭން ޖެހޭނީ ގާބިލުކަމަށް ބަލައިފައި ކަމަށް އަމުރުކޮށްފައެވެ. އަދި ގައުމަށްޓަކައި ހަނގުރާމަކުރި މީހުންގެ އާއިލާތަކަށް ޚާއްސަ ކުރާ މިންވަރު ވަނީ ފަސް ޕަސެންޓަށް ދަށްކޮށްފައެވެ.

އެ އަމުރުގައިވާ ގޮތުން ބާކީ ދެ ޕަސެންޓް ޚާއްސަކުރާނީ އާބާދީގައި މަދު ނަސްލުތަކުގެ މީހުންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށެވެ.

ބަންގްލަދޭޝްގައި 20 އަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ޝައިޚް ހަސީނާ ވަނީ މިދިޔަ ޖެނުއަރީ މަހު ފަސް ވަނަ ދައުރެއް ކާމިޔާބުކުރައްވައިފައެވެ. ވެރިކަން ކުރާ އަވާމީ ލީގުން، ޖެނުއަރީ މަހު ބޭއްވި އާންމު އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރި އިރު އިދިކޮޅު މައި ޕާޓީ ބީއެންޕީން އޮތީ އެ އިންތިޚާބު މިނިވަން ނޫން ކަމަށް ބުނެ ބޮއިކޮޓް ކޮށްފައެވެ.

ބަންގްލަދޭޝްގައި މުޒާހަރާ ކުރާ ދަރިވަރުން ބުނާ ގޮތުގައި ކޯޓާ ނިޒާމުން އެންމެ ބޮޑު ފައިދާއެއް ލިބެނީ، އެގައުމުގެ މިނިވަންކަމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި އިސްކޮށް އޮތް، ވެރިކަން ކުރާ އަވާމީ ލީގް ޕާޓީގެ މެންބަރުންނަށެވެ.

ބައެއް ދަރިވަރުން ވަނީ އަދިވެސް މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ. އަދި މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށް، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މީހުންނަށް އަދަބު ދިނުމަށް މިހާރު އަންނަނީ ގޮވާލަމުންނެވެ.

އެ މުޒާހަރާތައް ހުއްޓުވުމަށް ކާފިއު އިއުލާންކޮށް، ސިފައިން ވަނީ ނެރެފައެވެ. އަދި މިދިޔަ ހަފުތާގެ ތެރޭ އެގައުމުގެ ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު، އިންޓަނެޓާއި އެހެނިހެން މުވާސަލާތީ ޚިދުމަތްތަކަށް ހުރަސް އަޅައިފައިވެއެވެ.

comment ކޮމެންޓް