ބަންގްލަދޭޝްގައި ތިބި ދިވެހީންގެ ހާލު ރަނގަޅު، އެނބުރި އަންނަ ދެ ދަރިވަރަކަށް އެހީފޯރުކޮށްދީފި

ބަންގްލަދޭޝްގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން ސިފައިން ވެސް ދަނީ މަގުމަތީގައި ހަރަކާތްތެރިވަމުން: އެ ގައުމުގައި ތިބި ދެ ދިވެހި ދަރިވަރުން ރާއްޖެ އައުމަށް ވަނީ އެދިފައި --

ބަންގްލަދޭޝްގައި މިހާރު ތިބި ދިވެހީންގެ ހާލު ރަނގަޅު ކަމަށާއި އެގައުމުން ރާއްޖެއަށް އަންނަ ދެ ދަރިވަރަކަށް އެހީ ފޯރުކޮށްދީފައިވާ ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ބަންގްލްދޭޝްގެ މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުން މުޒާހަރާކުރަމުން ދަނީ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ. މި ކަމާ ގުޅިގެން އެ ގައުމުގެ ސްކޫލުތައް ބަންދުކޮށް, މުޒާހަރާ ހުއްޓުވުމަށް ވަނީ ކާފިއު ވެސް އިޢުލާންކޮށްފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ވަނީ، އެ ސްކޫލްތައް ބަންދުކުރުމުން، އެނބުރި ރާއްޖެ އައުމަށް ގަސްދުކުރާކަން އަންގާފައި ކަމަށެވެ. މި ދެ ދަރިވަރުން ވެސް ބަހުގައި ބަންގްލަދޭޝްގެ ބޯޑަރު ހުރަސް ކުރުމުގައި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ތިބި، އަދި އެ ގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މި ގޮތުން ހައިކޮމިޝަނުގައި ރެޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި، އާއިލާތަކާއި، އެކިއެކި ކަންކަމުގައި ބަންގްލަދޭޝްގައި ތިބި ދިވެހީންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް ހައިކޮމިޝަނާ ހަވާލާދީ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބަންގްލަދޭޝް ސަރުކާރުން ކާފިއު އިޢުލާންކޮށްފައިވުމާ އެކު، ދީފައިވާ އިރުޝާދާ އެއްގޮތަށް ބޭރަށް ނުކުމެ ނޫޅުމަށާއި، ބަންގްލަދޭޝް ސަރުކާރާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު 318 120 1708 880+ / 885 748 1329 880+ ގުޅޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު ސަމާލުވުމަށް ފޮރިން މިނިސްޓްރީން މީގެ ކުރީން ވެސް އިލްތިމާސްކުރިއެވެ.

https://www.sun.mv/194482

ބަންގްލަދޭޝްގެ ކޯޓާ ނިޒާމުގައި އޮންނަ ގޮތުން، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ތިންބައިކުޅަ އެއް ބައި ލިބެން ޖެހޭނީ 1971ގައި ގައުމުގެ މިނިވަން ކަމަށް ހަނގުރާމަކުރި މީހުންގެ ދަރިންނަށެވެ. މި ކަމާ ގުޅިގެން ކުރަމުންދާ މުޒާހަރާގައި މަރުވި މީހުންގެ އަދަދު ވަނީ 115އަށް އަރައިފައެވެ.

އެ މުޒާހަރާތަކާ ގުޅިގެން އަމަން ބެލެހެއްޓުމަށް ސިފައިން ވެސް ވަނީ ނެރެފައެވެ.

comment ކޮމެންޓް