ރައީސް އެދިވަޑައިގަތީ އޮލިމްޕިކްސްއިން ރީތި ނަމެއް ގެނެސްދިނުމަށް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕެރިސް އޮލިމްޕިކްސް 2024ގެ ދިދަ ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: އެމަނިކުފާނު އެދިވަޑައިގަތީ، ގެނެސްދެވޭނެ އެންމެ ރީތި ނަން އޮލިމްޕިކްސްއިން ރާއްޖެއަށް ގެނެސްދިނުމަށް -- ފޮޓޯ/ ރައީސް އޮފީސް

އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރަން ބައިވެރިވާ އެތްލީޓުންގެ އަރިހުން، ގެނެސްދެވޭނެ އެންމެ ރީތި ނަން ދިވެހިރާއްޖެއަށް ގެނެސްދިނުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ޕެރިސް އޮލިމްޕިކްސް 2024ގެ ދިދަ ހަވާލުކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއިން އަލަށް އޮލިމްޕިކްސްގައި ބައިވެރިވުމަކީ، ވަރަށް ތާރީޚީ ކަމެއް ކަމަށެވެ.

އަދި މިފަހަރު އެހާ ގިނަ އެތްލީޓުންނަށް އޮލިމްޕިކްސްގައި ބައިވެރިވުމަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

އަޅުގަނޑު އެދެނީ މި ފަސް އެތްލީޓުންނަށް ވެސް، މިފަހަރު ރާއްޖެއަށް، ތި ކުދިންނަށް ގެނެސްދެވޭނެ އެންމެ ރީތި ނަމެއް ގެނެސްދިނުމަށް. އަޅުގަނޑު އުންމީދުކުރަނީ ކަށިން ހިތްވަރު ނެރޭނެ ކަމަށް. ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް. އެކަމުގައި އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް، އަދި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކައި، އެކަމުގައި ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް،ރައީސް މުއިއްޒު

މިފަދައިން އެދިވަޑައިގެން އެމަނިކުފާނު ވިދާޅުވީ، ކޮންމެ އެތްލީޓަކަށް ވެސް މިހިސާބަށް އާދެވުނީ ވަރަށް ގިނަ މަސައްކަތުން ކަމަށެވެ. އަދި ސްޕޯޓްސް މިނިސްޓްރީއާ، ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ވަރަށް ބުރަ މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕެރިސް އޮލިމްޕިކްސް 2024ގެ ދިދަ ހަވާލުކޮށްދެއްވަނީ: ދިދަ ހަވާލުކޮށްދެއްވީ ފާތިމަތު ދީމާ އަލީއާއި އިބާދުﷲ އާދަމްއަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އެދިވަޑައިގަތީ ކުރިއަށް އޮތް ކުޅިވަރުގެ މުސްތަގުބަލަށް ވެސް ބެލުމަށެވެ. އެގޮތުން ރާއްޖޭގެ އެތްލީޓުން އޮލިމްޕިކްސްއަށް ކޮލިފައިވުމަކީ ފެށުމެއްކަމަށް ބަލައިގެން ކުރިއަށް ދިޔުމަށް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ޕެރިސް އޮލިމްޕިކްސް 2024ގެ ދިދަ ދެ އެތްލީޓަކަށް ހަވާލުކޮށްދެއްވާފައެވެ.

އެއީ ރާއްޖޭން އެންމެ ފުރަތަމަ އޮލިމްޕިކްސްއަށް ކޮލިފައިވި އެތުލީޓު، ފާތިމަތު ދީމާ އަލީއާއި އިބާދުﷲ އާދަމްއެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު ކުޅިވަރެއްގައި ފަސް އެތުލީޓުން ބައިވެރިވެއެވެ.

ރާއްޖެއިން ފަސް އެތުލީޓުން ބައިވެރިވާ ކުޅިވަރުތައް:

  • ފާތިމަތު ދީމާ އަލީ/ ޓޭބަލް ޓެނިސް
  • އިބާދުﷲ އާދަމް/ އެތްލެޓިކްސް
  • އާއިޝަތު އުލްޔާ ޝާއިގް/ ސްވިމިން
  • މުހައްމަދު އާން ހުސައިން/ ސްވިމިން
  • ފާތިމަތު ނަބާހާ (ނަބާ)/ ބެޑްމިންޓަން

މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި ރައީސް އޮފީހުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިންނާއި ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް