ކާނާވިހަވެގެން އައިސީޔޫގައި ފަރުވާދިން ދެ ދަރިވަރުން ދޫކޮށްލައިފި

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: އެ ހޮސްޕިޓަލުގައި ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭދިން ދެ ދަރިވަރުންގެ ހާލު އަންނަނީ ރަނގަޅުވަމުން -- ސަން ފޮޓޯ

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުން ކާނާ ވިހަވެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ދެ ދަރިވަރުންގެ ހާލު ވެސް ރަނގަޅުވެ މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އޭގެ ތެރެއިން އެއް ދަރިވަރަކު ވޯޑަށް ބަދަލުކުރީ، އިއްޔެއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، އައިސީޔޫގައި ފަރުވާދެމުންދިޔަ އަނެއް ދަރިވަރު ވެސް މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ދެ ދަރިވަރުންގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މީގެކުރިން، ފުލުހުން ބުނީ ޖުމްލަ 32 ދަރިވަރުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް، ދެ ކުދިން ފިޔަވައި، ދެން ތިބި ކުދިން މިހާރު ވަނީ ދޫކޮށްލާފައެވެ.

މީގެ ކުރިން އައްޑޫ ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ އެ އެންމެންނަށް ވެސް ފުރަތަމަ ފަރުވާ ދިނީ އެމާޖެންސީގައި ކަމަށެވެ.

ފުލުހުން ބުނީ، އެ ދަރިވަރުން ބަލިވީ ކާނާ ވިހަވުމުން ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން އަންނަނީ އެކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް އިތުރަށް ބަލަމުންނެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމުކުރި ޕޮލިސް ކޮލެޖު ރަސްމީކޮށް ހުޅުވީ މާޗު 27، 2022ގައެވެ. ފުލުހުންގެ އަސާސީ ތަމްރީނުގެ އިތުރުން، ޚާއްސަ ތަފާތު ތަމްރީނު ކޯސްތައް އެ ކޮލެޖުގައި ހިންގައެވެ.

comment ކޮމެންޓް