ހުޅުމާލޭ ދުވާރުމަތި ފުރާލާފައިވާ ކެފޭ މޭޒުތައް ނަގަން އަނެއްކާވެސް އަންގައިފި

ހުޅުމާލޭ ދުވާރެއް މަތީގައި ނުގަވައިދުން ގޮނޑިޔާއި މޭޒު ޖަހާފައި: ހުޅުމާލެ މަގުތަކުގެ ދުވާރުމަތި ކެފޭ މޭޒުތަކުން ފުރާލަނީ -- ސަން ފައިލް ފޮޓޯ

ހުޅުމާލެ އެކި ސަރަހައްދުތަކުގެ މަގުތަކުގެ ދުވާރުމަތީ ހުއްދަނެތި ވިޔަފާރި ބޭނުމަށް ބަހައްޓައިފައިވާ ކެފޭ މޭޒުތައް ގިނަވާތީ، އެފަދަ މޭޒުތައް ނަގަން އަނެއްކާވެސް އަންގައިފިއެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ކެފޭއާއި ރެސްޓޯރަންޓާއި ޖޫގޯ ޕޮއިންޓުތަކުން ގަވާއިދާ ޚިލާފަަށް ގޮނޑި މޭޒު ޖަހައިގެން ވިޔަފާރި އުސޫލުން ޚިދުމަތްދެއެވެ.

އެހެންވެ، އެކަން ނުކުރުމަށް އެދި މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ބަޔާނެއް ވެސް ނެރުނެވެ. އޭރު އެޗްޑިސީން ވަކި މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި ނުނަގާނަމަ އެތަކެތި ނަގައި ސާފު ކުރާނެ ކަމަށް އެންގިއެވެ. ނަމަވެސް، އަނެއްކާ ވެސް އެ މައްސަލަ ފެންމަތިވެފައިވާތީ، އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންވެ.

މިކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ އެކި ހިސާބުތަކުގެ ދުވާރުތައް މަތީގައި ނުގަވައިދުން ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރީގެ ޚިދުމަތް ދެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން އާންމުންނަށް ދަތިތައް ކުރިމަތިވަމުން އަންނާތީ، އެކަމުގެ ޝަކުވާތައް ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރޭގައި، ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް ދުވާރު ބޭނުން ކުރުމާއި، ސުކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާތީ އާންމުންނާއި ކުޑަކުދިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރުމާއި، އަދަބާ ޚިލާފު އިބާރާތްތަކުން މުއާމަލާތު ކުރާތީ އެކަމުގެ ޝަކުވާތައް ސުކޫލުތަކާއި ބެލެނެވެރިންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެފަދައިން ދުވާރުމަތީގައި ގޮނޑިއާއި މޭޒު ބޭނުން ކޮށްގެން ވިޔަފާރި އުސޫލަށް ބޭނުން ކުރުމަކީ މަނާ ކަމެއް ކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ ވިޔަފާރި ކުރާ ފަރަތާތަކުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޑީސީން ބުނީ، އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެކުރިން އެޗްޑީސީން ބުނީ، ހުޅުމާލޭގެ 34 މަގެއްގެ ދުވާމަތީގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް