ހުޅުމާލެއިން ދޫކުރި ބިންތަކެއް އަތުލުމުން އެޗްޑީސީއާ ދެކޮޅަށް ވަގުތީ އަމުރެއް

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

ހުޅުމާލޭގައި ލަގްޒަރީ ރެސިޑެންޝަލް އިމާރާތެއް އެޅުމަށާއި، ކޮމާޝަލް އިމާރާތެއް އެޅުމަށް ރުއްގަނޑު ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލި މައްސަލައިގައި، ކޯޓުން ވަކި ގޮތެއް ނިންމަންދެން އެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.

މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ރުއްގަނޑު ހޮޓެލްސް އެންޑް ރިޒޯޓްސްގެ ފަރާތުންނެވެ. އެ ކުންފުނީގެ ފަރާތުން އެދިފައިވަނީ އެޗްޑީސީން އެއްބަސްވުން ބާތިލްކުރީ، އެއްބަސްވުން ބާތިލްކުރަންޖެހޭ ހާލަތެއް ނެތީސް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ހުކުމެއް ތަންފީޒު ނުކުރެވޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އެޗްޑީސީއަށް އަންގައި އަމުރުކޮށްދިނުމަށް އެ ކުންފުނިން ކޯޓުގައި އެދުނެވެ.

ހުޅުމާލޭގައި ލަގްޒަރީ ރެޒިޑެންޝަލް އިމާރާތެއް އެޅުމުގެ އިތުރަށް، ކޮމާޝަލް އިމާރާތެއް އެޅުމަށް ރުއްގަނޑު ހޮޓެލްސް އެންޑް ރިޒޯޓްސްއާއި އެޗްޑީސީއާ ދެމެދު މި އަހަރުގެ 18 އޮގަސްޓުގައި ދެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

އޭގެ ތެރެއިން ކޮމާޝަލް އެއްބަސްވުމުގެ ދަށުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައްކަންޖެހޭ 352،154.60 އެމެރިކާ ޑޮލަރު 25 އޮގަސްޓުގައި އެ ކުންފުނިން ވަނީ ދައްކައިފައެވެ.

އަދި ރެޒިޑެންޝަލް އެއްބަސްވުމުގެ ދަށުން 841،211 އެމެރިކާ ޑޮލަރު ދައްކަންޖެހޭއިރު، އެއްބަސްވުމުގައިވާ ތާވަލާ އެއްގޮތަށް އެއްބަސްވުން ބާތިލު ކުރުމާ ހަމަޔަށް 588،847.7 އެމެރިކާ ޑޮލަރު ދައްކާފައިވެއެވެ. އެ ގޮތުން ބާކީ ނުދެއްކިވަނީ 168،242.20 ޑޮލަރެވެ.

އެހެން ނަމަވެސް އެ އެއްބަސްވުމުގައި ބުނާ ދެ ބިމެއް ހަވާލުކޮށްފައިނުވާތީ، ވީ އެންމެ އަވަހަކަށް އެ ބިންތައް ބޭނުންވާ ކަމަށް ބުނެ، ފަސް ސިޓީއެއް ފޮނުވިއިރު ވެސް، އެޗްޑީސީން އެ ބިންތައް ހަވާލުނުކުރާ ކަމަށް ރުއްގަނޑު ހޮޓެލްސް އެންޑް ރިޒޯޓްސްގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން އަމުރު ކުރީ، މި އެއްބަސްވުންތަކުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ބިމާއި ގުޅިގެން އިތުރު ފަރާތެއްގެ ހައްގެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް އެޗްޑީސީން ނުކުރުމަށާއި، އެ މައްސަލައިން ކުރާނެ ހުކުމެއް ތަންފީޒު ނުކުރެވޭފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ.

comment ކޮމެންޓް