އައިފޯން ބޭނުންކުރާ މީހުން ކްރޯމް ބޭނުންނުކުރާން އެޕަލްގެ ވަރުގަދަ އިންޒާރެއް ދީފިއެވެ.
މި އިންޒާރާ އެކު އެޕަލުންވަނީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށް އާ ކެމްޕޭނެއް ވެސް ފަށައިފައެވެ. މި ކެމްޕޭނުގައި އެޕަލުން ވަނީ ގޫގުލް ކްރޯމް ބޭނުންކުރުމުން ލިބިދާނެ ގެއްލުންތަކާ ބެހޭގޮތުން އިންޒާރުދީފައެވެ.
އެޕަލްގެ މި ކެމްޕޭނަކީ އެ ކުންފުނީގެ އަމިއްލަ ސަފާރީ ބްރައުޒަރު އިޝްތިހާރުކޮށް، ވާދަވެރި ބްރައުޒަރުތަކާ ގުޅިފައިވާ ޕްރައިވެސީގެ ކަންބޮޑުވުންތައް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރުކަށި ކެމްޕޭނެކެވެ.
މި ކެމްޕޭނުގައި އަލްފްރެޑް ހިޗްކޮކްގެ "ދަ ބާޑްސް"އިން އިންސްޕަޔާވެގެން ހަދާފައިވާ ސްޓްރައިކިން ބިލްބޯޑާއި ސިނަމެޓިކް ވީޑިއޯ އިޝްތިހާރެއް ހިމެނެއެވެ.
އެޕަލްގެ މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ގޫގުލް ކްރޯމް އިންސްޓޯލްކޮށްފައިވާ އައިފޯން ބޭނުންކުރާ މީހުންގެ ގާތްގަނޑަކަށް 30 އިންސައްތަ މީހުންނެވެ.
އެޕަލްއިން ދޭ މެސެޖަކީ ކްރޯމް ބޭނުންކުރުމަކީ އޮންލައިން ޕްރައިވެސީއަށް ބުރޫ އަރާފާނެ ކަމެއް ކަމަށެވެ.
މި ކެމްޕޭނުގެ މައިގަނޑު އަސާސަކީ އެޕަލްއިން ސަފާރީއަށް ހާއްސަކުރި އާ "ޕްރައިވެޓް ބްރައުޒިން 2.0" ފީޗާއެވެ.
އެޕަލްއިން ބުނާ ގޮތުގައި ޔޫޒަރުންގެ ޑޭޓާ ހިމާޔަތްކުރުމުގައި އެޕަލްއިން ގެންގުޅޭ ހަރުކަށި ވިސްނުމަކީ ކްރޯމްއިން ބޭނުންކުރާ "ހާފް-މެޝާސް"އަށް ވުރެ މާ ބޮޑަށް ރައްކާތެރި ކަމެކެވެ.
އިންޑަސްޓްރީގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މި ކެމްޕޭނަކީ އެޕަލްގެ ޕްރީއެމްޕްޓިވް ސްޓްރައިކަކަށް ވެދާނެއެވެ.
މިހާރު ކުރިއަށްދާ އެންޓިޓްރަސްޓް އިންވެސްޓިގޭޝަންތަކުގެ ސަބަބުން ގޫގުލްއަކީ ސަފާރީގެ ޑިފޯލްޓް ސާޗް އިންޖީނަކަށް ހެދުމުގެ ޒަމާންވީ އިންތިޒާމަށް ނުރައްކާވެދާނެ ކަމަށް ވެސް ބެލެވެއެވެ.
އެހެންކަމުން މިއީ އެޕަލްއާއި ގޫގުލްއަށް ވެސް ނާޒުކު ދަނޑިވަޅެއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.