އުދައިގެ ސަބަބުން ގެއްލުންވެގެން ރިޕޯޓެއް ނުކުރޭ، މިއަދު ވެސް އަރާފާނެ

ގދ. ތިނަދޫއަށް އުދަ އަރާފައި--

އުދަ އަރައިގެން އެއްވެސް ސަރަހައްދަކަށް ގެއްލުމެއް ލިބިގެން އިއްޔެ ރިޕޯޓެއް ކޮށްފައިނުވާއިރު މިއަދު ވެސް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.

"ސަން"އަށް މައުލޫމާތުދެމުން ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ)އިން ބުނީ، ރޭ އުދަ އަރައި ގެއްލުންވެގެން އެއްވެސް ފަރާތަކުން އެ އޮތޯރެޓީއަށް ރިޕޯޓެއް ކޮށްފައިނުވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ، މިއަދު ވެސް ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ދިޔަވަރު ބޮޑުވާ ވަގުތު އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެ ގޮތުން، އެ ސަރަހައްދަށް ދިޔަވަރު އެންމެ ބޮޑުވާނީ މިއަދުގެ މެންދުރު 02:13 ގައި ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިއަދާ މާދަމާގެ ދިޔަވަރު ލަފާކުރެވޭ ގޮތް--- ފޮޓޯ/ މެޓް އޮފީސް

މެޓް އޮފީހުން ބުނީ، މިއަދުގެ އިރުއޮއްސި 18:00އާ ހަމައަށް ރާއްޖޭގެ އުތުރުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި، ދެކުނާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

އެ އޮފީހުން ބުނީ، ހުޅަނގު ދެކުނާއި ހުޅަނގުން އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 10 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ، މި ސަރަހައްދުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށެވެ. އަދި، ރާޅުގެ އުސްމިނުގައި ހަތަރު ފޫޓު ހުންނާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

ދިޔަވަރު ބޮޑުވެ ރާއްޖޭގެ ދެކުނުގެ ބައެއް ރަށްރަށަށް އިއްޔެ އުދަ އަރާފައިވާއިރު، މާލޭގެ ރާޅުގަނޑު ސަރަހައްދަށް ވެސް އިއްޔެ މެންދުރު ވަނީ އުދައަރާފައެވެ.

comment ކޮމެންޓް