2022ގެ ފަހުން ނަދާލް ފުރަތަމަ ފަހަރަށް ފައިނަލަކަށް

މިދިޔަ 2022 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތެއްގެ ފައިނަލުން ރަފައެލް ނަޑާލް ޖާގަހޯދައިފިއެވެ.

ނަޑާލް ޖާގަ ހޯދާފައިވަނީ ސްވިޑިޝް އޯޕަން ޓެނިސް މުބާރާތުގެ ސިންގަލްސް އިވެންޓުންނެވެ. މި މުބާރާތުގެ ފައިނަލުން ނަޑާލް ޖާގަހޯދައިވަނީ ސެމީފައިނަލްގައި ކްރޮއޭޝިއާގެ ޑޫޔޭ އައިޑުކޯވިޗާ ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

ދެ ގަޑިއިރާއި 12 މިނެޓަށް ދިގުދެމިގެންދިޔަ މެޗުގެ ފުރަތަމަ ސެޓު 3-6 އިން ކާމިޔާބުކޮށްފައިވަނީ އައިޑުކޯވިޗްއެވެ. ނަމަވެސް، ޖެހިގެން އައި ދެ ސެޓު ނަޑާލް ވަނީ 6-4 އަދި 6-4 އިން ކާމިޔާބުކޮށް 2022 ވަނަ އަހަރުގެ ފްރެންޗް އޯޕަންގެ ފައިނަލަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދައިފައެވެ.

މި މުބާރާތުގެ ފައިނަލްގައި ނަޑާލް ބައްދަލުކުރާނީ ހަތްވަނައަށް ސީޑުކުރެވިފައިވާ ޕޯޗުގަލްގެ ނޫނޯ ބޯޖެސްއާއެވެ. ބޯޖެސް މި މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި އާޖެންޓީނާގެ ތިއާގޯ އޮގަސްޓިން ޓިރަންޓޭއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ، 6-4 އަދި 6-3 އިންނެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ނަޑާލް ބުނީ، މެޗު ވަރަށް އުނދަގޫ ވެގެންދިޔަ ކަމަށެވެ. އެންމެ ބޮޑު އެއް ސަބަބެއް ކަމަށް އޭނާ ފާހަގަކުރީ އައިޑުކޯވިޗްގެ ބެކްހޭންޑް ވަރުގަދަވުމެވެ. އަދި، އައިޑުކޯވިޗް މެޗު ކުޅެމުންދިޔައީ ވަރަށް އިތުބާރާއެކު ކަމުން އޭނާގެ މައްޗަށް ކުރި ހޯދުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް، އެންމެ ފަހުން އެކަމުން އަރައިގަނެވޭނެ މަގެއް ހޯދުނީ ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ފައިނަލް ވެގެންދާނީ އޭނާގެ ކެރިއަރުގައި 131 ވަނަ ޓުއާ ފައިނަލަށެވެ. މިއީ ކްލޭ ކޯޓުގައި އޭނާ ވާދަކުރާ 72 ވަނަ ފައިނަލް މެޗެވެ.

comment ކޮމެންޓް