ކުށެއްނެތި 43 އަހަރު ޖަލުގައި ހުރި މީހަކު ސަލާމަތްވެއްޖެ

43 އަހަރު ފަހުން ޖަލުން ސަލާމަތްވި ސަންޑްރާ ހެމް. (ވ) ފޮޓޯ/ބީބީސީ

މީހަކު މަރާލިކަމަށް ބުނެ ޖަލަށް ލާފައިވާ އެމެރިކާ އަންހެނަކު 43 އަހަރު ފަހުން ޖަލުން ސަލާމަތްވެއްޖެއެވެ. އޭނާ ޖަލުން ސަލާމަތްވީ އޭނާގެ މައްޗަށް ކުރި ހުކުމް ބާތިލު ކުރުމުންނެވެ.

ސަންޑްރާ ހެމް ކިޔާ އެ އަންހެންމީހާ ޖަލަށްލީއިރު އޭނާގެ އުމުރުން 20 އަހަރެވެ. އޭނާގެ މައްޗަށް އޭރު ސާބިތުވި ކުށަކީ 1980 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިސޫރީގެ ސެއިންޓް ޖޯސެފްގެ ލައިބްރަރީގެ މަސައްކަތު މީހާ، ޕެޓްރިޝިއާ ޖެޝްކޭ އަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ކުށެވެ.

އޭރު ނަފްސާނީ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދިޔަ ހެމް ވަނީ އެކަން ކުރި ކަމަށް އިއުތިރާފްވެފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އެހެން އިތުރު އެއްވެސް ހެއްކެތް ނެތް ކަމަށް ފަހުން އެ މައްސަލަ ރިވިއު ކުރުމުން ވަނީ އެގިފައެވެ.

މިހާރު އުމުރުން 64 އަހަރުގެ ހެމް އަކީ އެމެރިކާގެ ތާރީހުގައި ވެސް ގޯސްކޮށް ހުކުމު ކުރުމުން އެންމެ ގިނަ ދުވަހު ޖަލުގައި ހުންނަ ޖެހުނު އަންހެން މީހާ ކަމަށް ކޯޓުގައި އޭނާ ތަމްސީލުކުރި މަންދޫބުން ބުނެއެވެ.

ހެމްގެ ކުށެއް ނެތް ކަމަށް ކޯޓުން ހުކުމް ކުރީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެ ހުކުމްގައި ވާގޮތުން ހެމްގެ ކުށެއް ނެތް ކަމުގެ ސާފު ހެކިތައް އޭނާގެ ވަކީލުންގެ އަތުގައި ހުރި ކަމަށާއި އޭގެ ތެރޭގައި އޭރު އޭނާގެ ދިފާއީ ޓީމަށް ނުދެއްކުނު ހެކިތައްވެސް ހިމެނޭ ކަމަށެވެ.

ހެމް ޖަލުން ނުކުމެފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި އޭނާ ދިރިއުޅޭނީ ދައްތައާއެކުގައި ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ފަހުން ކުރި ރިވިއުއިން ދައްކާ ގޮތުގައި އެ މައްސަލައިގައި ތުހުމަތު ވަނީ ފުލުހުންގެ ވަޒީފާގައި ހުރި މީހަކަށެވެ. ނަމަވެސް އޭރު އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަޙްޤީގެއް ފުލުހުން ހިންގައިފައެއްނުވެއެވެ. މައްސަލައިގައި ތުހުމަތުވި ފުލުހުންގެ މީހާގެ މައްޗަށް އެހެން މައްސަލައެއް ސާވިތުވެ ފަހުން ވަނީ ޖަލަށް ލާފައެވެ. އަދި 2015 ވަނަ އަހަރު އޭނާ މަރުވެފައިވާ ކަމަށްވެސް އެ ރިވިއުގައި ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް