އުދަބާނި ފަށަނީ ވެސް ހައުސްފުލް ޝޯއަކުން

ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) 2009 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "އުދަބާނި"ގެ ޕްރިމިއާ ޝޯ ހައުސް ފުލްވެ، އިތުރު ޝޯތަކަށް ވެސް ބޮޑު ޑިމާންޑެއް އޮތްކަން ހާމަކޮށްފިއެވެ.

އުދަބާނި ނަމުގައި ނެރުނު ވާހަކައަކަށް ބިނާކޮށް 2009ގައި ނެރުނު ބިރުވެރި ޑްރާމާ ފިލްމަކީ އެ އަހަރު އޮލިމްޕަހުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމެވެ.

ފުރަތަމަ ފިލްމުގެ މަސައްކަތް ވެސް ކޮށްފައިވާ އަމްޖޭ މިހާރު ރެޑީ ވަނީ ފިލްމުގެ ދެވަނަ ބައެއް ނެރުމަށެވެ. ފިލްމުގެ ދެވަނަ ބައި ރިލީޒްކުރަން ގާތް ވެފައިވާއިރު މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ފިލްމުގެ ޓިކެޓު ވެސް މިހާރު ދޫކުރަމުން ދާއިރު ޕްރޮޑަކްޝަނުން އަންގަނީ ފިލްމަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމަށެވެ. އެ ގޮތުން، ފިލްމު އިއުލާން ކުރުމާ އެކު ފިލްމުގެ ޝޯތަކަށް ނަން ނޯޓު ކުރަން ފެށިއިރު ޓިކެޓު ވެސް ދޫ ނުކުރާ ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ.

އުދަބާނީގެ ފުރަތަމަ ބަޔަށް އޮތް ތަރުހީބާ އެއްވަރު ކުރާ މިންވަރަށް މި ފިލްމަށް ވެސް ތަރުހީބު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޕްރޮޑަކްޝަނުން މައުލޫމާތު ދެއެވެ.

'އުދަބާނި 2'ގެ ގިނަ މަސައްކަތްތަކެއް މިހާރު ހުރީ ނިމިފައެވެ. އެ ގޮތުން، އަމްޖޭގެ ޓީމުން މިހާރު އަމާޒު ހިފާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން ފިލްމު ދައްކަން ފެށުމަށެވެ.

ފުރަތަމަ ފިލްމާ އަޅާ ބަލާއިރު ކޮލިޓީގެ ގޮތުން ދެވަނަ ފިލްމަކީ ވަރުގަދަ ފިލްމަކަށް ހެދުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދެވަނަ ފިލްމުގެ ބަތަލެއްގެ ގޮތުގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި ފާތިމަތު ޝުހާއެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ރ. އަތޮޅު މާކުރަތުގައެވެ. މިއީ ފުރަތަމަ ފިލްމު ވެސް ޝޫޓު ކޮށްފައިވާ ރަށެވެ.

comment ކޮމެންޓް