ދެކުނުގެ ރަށްތަކަށް މިރޭ އުދައަރާނެ ކަމަށް ލަފާކޮށް، ސަމާލުވާން އިލްތިމާސް ކޮށްފި

މަކުނުދޫ އަށް އުދައަރާފައި -- ފޮޓޯ: މަކުނުދޫ ކައުންސިލް

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް މިރޭ އުދައިގެ އަސަރު ކޮށްފާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓު އޮފީހުން ބުނީ މިރޭ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނުގެ ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ދެކުނުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވަނީ ދަންވަރު 01:22 އެހާއިރެވެ. އެވަގުތު ދިޔަވަރުގައި 2.4 ފޫޓު ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ދިޔަވަރު ޗާޓު: މިރޭ ދެކުނުގެ ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އޮތީ ލަފާކޮށްފައި - ފޮޓޯ/ މެޓް

މިއަދު މެންދުރު ވަނީ މާލެއަށް ވެސް އުދައަރާފައެވެ.

މިރޭގެ މޫސުން ލަފާކުރާ ގޮތުން ހުޅަނދުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ އާދައިގެ ވަރަކަށް ކަނޑު މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ އެއްފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ކަމަށެވެ.

ހުޅަނގުގެ ވިއްސާރައިގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކަށް ވެސް މި އަހަރު ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ގޮތުން އުދައިގެ އަސަރު ކުރުމާ އެކު ބައެއް ގެތަކުގެ ފުރާޅު އެއްލާލައި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

comment ކޮމެންޓް