މީހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކުރެވޭތީ، ގެއްލުން ވެދާނެ ނާޒުކު ގެތައްކަމަށް ފާހަގަކުރެވޭ 50އަށްވުރެ ގިނަ ގޭގައި ވެލިބަސްތާ ޖަހައިފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އާންމުކޮށް ފެންބޮޑުވާކަމަށް ފާހަގަކުރެވޭ 56 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ރޭ ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
މާލެއަށް ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން މިހާރުވެސް ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން މިއަދު ހެނދުނު ވަނީ ބުނެފައެވެ.

މާލޭގެ ގެތަކަށް ގެއްލުން ލިބިދާނެތީ 50 އަށްވުރެ ގިނަ ގޭގައި ވެލިބަސްތާ ޖަހައިފި -- ފޮޓޯ/ އެންޑީއެމްއޭ
އެގޮތުން ވެސްޓްޕާކް ސަރަޙައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ.
އެންޑީއެމްއޭއިން ވަނީ ކުރިޔާލާ މޫސުމަށް ރައްކާތެރިވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭނެ ކަންތައްތައް ހިއްސާކޮށްފައެވެ.
އެގޮތުން:
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުން
- ފެންބޮޑުވާ ސަރަހައްދު ތަކުގައި ސައިކަލު ފަދަ ތަކެތި ޕާކު ނުކުރުން
- ފިހާރަ، ރެސްޓޯރަންޓު އަދި ގުދަން ފަދަ އަގުބޮޑެތި މުދާ ރައްކާކޮށްފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅުތައް އެޅުން
- ފެންބޮޑުވެ ގެއްލުންލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި ހިފާ ގެންގުޅޭ ތަކެތި (ދޮންނަ މެޝިން ފަދަ ތަކެތި) ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުކުރާ ތަނަަކަށް ބަދަލުކުރުން
- ވައި ގަދަވާނެ ކަމަށް ސަމާލުވެ ފިޔަވަޅުތައް އެޅުން. ޚާއްސަކޮށް ވައި ގަދަވެ، އެއްލައިލާނެ ފަދަ ތަކެތި ރައްކާތެރިކުރުން
- މާލޭގައި ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުން

މާލޭގެ ގެތަކަށް ގެއްލުން ލިބިދާނެތީ 50 އަށްވުރެ ގިނަ ގޭގައި ވެލިބަސްތާ ޖަހައިފި -- ފޮޓޯ/ އެންޑީއެމްއޭ
މީގެއިތުރުން، ކަރަންޓު ސާމާނު ބޭނުންނުކުރާނަމަ ނިއްވާލާފައި ބެހެއްޓުމަށާއި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާހެން އިންތިޒާމުތައް ދުރާލާ ހަމަޖައްސަން އެންޑީއެމްއޭއިން އެދިފައިވެއެވެ.
އެންޑީއެމްއޭއިން ވަނީ، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މެޓުން އާންމުކުރާ އެންމެ ފަހުގެ މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށް ބުނެފައެވެ.