އާރަށް ކައިރިން އެންނަގަން އުޅުނު ދޯންޏެއް ހުއްޓުވައިފި

އާރަށު ކައިރީގައި އެންވެރިކަން ކުރަން އުޅުނު ދޯންޏެއް އެމްއެންޑީއެފުން ހުއްޓުވަނީ--- ފޮޓޯ/ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން

ދިވެހި ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ ކ. އާރަށް ކައިރިން އެންވެރިކަން ކުރަން އުޅުނު މަސްދޯންޏެއް ސިފައިން ހުއްޓުވައިފިއެވެ.

މިކަމާއި ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޔޫނިއަންގެ ފަރާތުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލެ އަތޮޅު އާރަށު ތިލައަކީ ޒަމާނުންސުރެ މަސްވެރިން އެންވެރިކަން ކުރަމުން އަންނަ ތަނެއް ކަމަށެވެ.

އަދި މި ތިލައިން މިއަދު އެންވެރިކަން ކުރަމުން ދަނިކޮށް ކޯސްގާޑާއި ފުލުހުން އައިސް އެންވެރިކަން ކުރަމުން ދިޔަ ދޯނި ހުއްޓުވާފައި ވާކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ސުވާލު ކުރުމުން ފުލުހުން ބުނީ އެފަދަ ކަމަކަށް ފުލުހުން ހުރަސް އަޅާފައި ނުވާނެ ކަމަށެވެ.

އަދި އެމްއެންޑީއެފްއިން ބުނީ މަސްވެރިން އާރަށާ މާކައިރީގައި އުޅޭތީ އެ ސަރަހައްދުން ދުރަށް ދިއުމަށް އެ މީހުންނަށް އަންގާފައި ވާނެ ކަމަށެވެ. އާރަށަކީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ކަމަށާއި އެ ރަށާ ވަކި ވަރަކަށް ކައިރިވުމަކީ މަނާ ކަމެއް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މާލެ އަތޮޅުގައި އޮންނަ އާރަށަކީ އެކި ބޭނުންތަކަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރަމުން އަންނަ ރަށެކެވެ.

comment ކޮމެންޓް