ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްފި

ނާރެސް ޕޯޓަލާއި އެ އޮޕަރޭޝަންގެ ފޭސް ދޭއް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ހޯމް މިނިސްޓްރީން ފެށި އޮޕަރޭޝަން ކުރަނގީގެ ދެވަނަ ފިޔަވަހި މިރޭ އިފްތިތާހުކޮށްފިއެވެ.

ނާރެސް ޕޯޓަލާއި އެ އޮޕަރޭޝަންގެ ފޭސް ދޭއް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަަލީ އިހުސާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

އެ މިނިސްޓްރީން މިއަދު ކައުންސިލްތަކަށް ދޫކުރި ފިންގާ ޕްރިންޓް މެޝެނުތައް ބޭނުންކޮށްގެން އޮޕަރޭޝަން ކުރަނގީގެ ދަށުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މުޅި ރަށުގައި ތިބޭ ފިންގަޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: ކުރަނގި އޮޕަރޭޝަންގެ ފޭސް ދޭއް އިފްތިތާހުކޮށްފި -- ސަން ފޮޓޯ/ މޫސާ ނަދީމް

އިތުރަށް މިނިސްޓަރު ވިދާޅުވީ، ރަށްރަށުގައި ތިބޭ ބިދޭސީންގެ ފިންގަޕްރިން ނަގަމުންދާއިރު، އެކަމަށް ޚާއްސަކޮށް ހެދިފައިވާ ސެންޓްރަލް ޑޭޓާ ބޭހަށް އެ މައުލޫމާތު އަޕްލޯޑު ކުރަމުން ދާނެ ކަމަށެވެ.

އޭގެފަހުން ކައުންސިލްތަކަށް އެ ސިސްޓަމްގެ ޒަރިއްޔާއިން އޮޓޮމެޓިކުން އެ ރަށުގައި ތިބި ބިދޭސީންގެ ހިސާބުތައް އެނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދުތައް ކަށަވަރުކޮށް، އެއީ ކޮން ބައެއްކަން ދެނެގަނެ އެމީހުންނާ ދޭތެރޭ އަޅަން ގާނޫނީ ފިޔަވަޅު، އެއީ ގާނޫނީ އިމުގެ ތެރެއަށް އެމީހުން ގެނައުން ކަމުގައި ވިޔަސް، އެމީހުން ރާއްޖޭން ފުރުވާލަން ވިޔަސް، މިކަމަށް މަގުފަހިވެގެން ދާނީ މި ހިންގޭ އޮޕަރޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ތިބޭ ބިދޭސީންގެ 100 ޕަސެންޓު ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވިގެން

ކުރަނގި އޮޕަރޭޝަންގެ ފޭސް ދޭއްގެ ތެރެއިން މިހާރު ޑިވެލޮޕްކުރެވިފައިވާ އެޕްލިކޭޝަންތަކުގެ ސިދާ އެކްސެސް ކައުންސިލްތަކަށް ދޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ހިންގާ އޮޕަރޭޝަން 'ކުރަނގި'ގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުސާ ނަދީމް

އޭރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްކަމަށް ޝައްކުވެއްޖެނަމަ، އެމީހެއްގެ ފޮޓޯ ނަގައިގެން ނުވަތަ ފިންގަޕްރިންޓުން ކައުންސިލްތަކަށް އެޕްލިކޭޝަން މެދުވެރިކޮށް، އޭނާގެ ހުރިހާ މައުލޫމާތު އެނގޭނެ ކަަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

100 ޕަސެންޓު މީހުން އައިޑެންޓިފައި ކުރުމަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ޓައިމްލައިނަކީ ތިން އަހަރު ދުވަސް. ޖެހިގެން އަންނަ ދެވަނަ އަހަރާއި ތިންވަނަ އަހަރަކީ މިގޮތުން އައިޑިފައި ކުރެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ގެނައުން

ފާހަގަކޮށްލެވޭގޮތުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ކ. ހިންމަފުށީގައި ފެށީ މެއި މަހުގެ ދެވަނަ ދުވަހެވެ. އަދި، މި އޮޕަރޭޝަން މާފުށީގައި ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހެވެ.

މިނިސްޓަރު ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ތިން އަހަރުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.

comment ކޮމެންޓް