''އެއީ އެންމެންގެ އެކުވެރިއެއް، އިބޫ މަންމަ ދަސްކޮށްދިނީ ކެތްތެރިކަން''

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު (ވ)އާ އެކު އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ (މ): ފަޒްނާ ވަނީ އަސަރުގަދަ މެސެޖެއް ލިޔުއްވާފައި --

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މަންމާފުޅު، މޫމިނާ ހަސަންފުޅު އަވަހާރަވުމާ ގުޅިގެން ޞާލިޙްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ކުރެއްވި އަސަރުގަދަ ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން މިއަދު ލިބިއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް މޫމިނާ ހަސަންފުޅު އަވަހާރަވީ އުމުރުން 80 އަހަރުގައި އިއްޔެގެ ވަގުތެއްގައެވެ.

އެ ކަމަނާ އަވަހާރަވުމާ ގުޅިގެން ކުރީގެ ފަސްޓް ލޭޑީ ފަޒްނާ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޞާލިޙްގެ މަންމާފުޅު ދުނިޔޭގައި ހުންނެވީއިރުގެ ބައެއް ހަނދާންތައް އާކުރައްވައިފައެވެ. އަދި، އެ ކަމަނާގެ ހިތްވަރުފުޅު ގަދަކަމާއި ކެތްތެރިކަމާއި މީހުންނާ އެކު ބެހެއްޓެވި ގާތްކަމަށް ވެސް ފަޒްނާ ވަނީ އަލިއަޅުއްވައިލައްވައިފައެވެ.

އޭނާ ވިދާޅުވީ، މޫމިނާ ހަސަންފުޅަކީ ހިތްވަރުގަދަ ގައުމީ ޚިދުމަތްތެރި ކަނބަލެއް ކަމަށެވެ.

"ދީނީ އަދި ދުނިޔެވީ ކަންކަމަށް ލޯ ހުޅިވިފައިވާ، ޞާލިހު، އަޚުލާގު ރަނގަޅު، ޤައުމަށް ޚިދުމަތްތެރި ދަރީންތަކެއް ބަލައި ބޮޑު ކުރުމަށް ވުރެ ވަކިން ބޮޑު ޤައުމީ ޚިދުމަތެއް އޮންނާނެބާ؟" ފަޒްނާގެ ޕޯސްޓު ފައްޓަވަމުން ލިޔުއްވާފައިވެއެވެ.

ވަރަށް ޅައުމުރުގައި 13 ދަރިކަލުންނާ އެކު ހުވަފަތްވެލެއްވިކަން ފާހަގަކުރައްވައި ފަޒްނާ ވިދާޅުވީ، ޞާލިޙްގެ މަންމާފުޅަކީ އެންމެންނާ ވެސް ގުޅޭ ކަނބަލެއް ކަމަށެވެ.

"އެއީ އަޅުގަނޑުގެ އަޚުންނާއި އުޚުތުންނާއި ފިރިކަލުންގެ މަންމައެވެ. ދަރިންގެ މާމައެވެ. އަޅުގަނޑުގެ މައިން ބަފައިންގެ ވަރަށް ގާތް އެކުވެރިއެކެވެ. އާއިލާ މީހުންގެ ދައިތަ އަދި ދޮންދައިތައެވެ. ޅ. ހިންނަވަރު ނޫރާނީއާގޭ ގަސްދޮށުގެ ހިޔަލުގައި ތިބޭ އެތައްއެތައް ބައެއްގެ މޫމިނާ ދައިތައެވެ،" ފަޒްނާ ލިޔުއްވާފައިވެއެވެ.

ކުރީގެ ރައީސް ޞާލިޙްގެ ދަރިކަނބަލުންނާއި މަންމާފުޅު: މަންމާފުޅު އިއްޔެ ވަނީ އަވަހާރަވެފައި --

އޭނާ ވިދާޅުވި ގޮތުގައި ޞާލިޙްގެ މަންމާފުޅު، ނޫރާނީއާގޭ ދޮށުގައި ހުންނަ ގަސް ދޮށަށް އަންނަ އެންމެންނާ ވެސް، ކޮންމެ މައުޞޫއަކަށް ވެސް ވާހަކަދައްކަވާ ހެއްދެވިއެވެ. މޫނު ދެކިލުމަށާއި ޖަނާޒާގައި ބައިވެރިވާން ގިނަ ބަޔަކު އިއްޔެ އެއްވި އެއްވުމުން ދޭހަވަނީ އެ ހަގީގަތްކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

އެ ގޮތުން، ޞާލިޙްގެ މަންމާފުޅުގެ ފަރާތުން ފަޒްނާއަށް ދަސްވެލެއްވީ ކެތްތެރިކަމާއި ޝަކުވާނުކުރުމާއި އަދި ކޮންމެ ހާލެއްގައި ވެސް ދަރީން ހިމާޔަތްކުރަންކަން ފަޒްނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

ޖަނާޒާގެ ކަންކަން ވަރަށް ގާތުން ބެއްލެވިކަން ފާހަގަކުރައްވައި ފަޒްނާ ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މާލޭގެ މޭޔަރު އާދަމް އާޒިމަށް ޝުކުރު އަދާކުރައްވައިފައެވެ.

ކުރީގެ ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން މީސްމީޑިއާގައި ފަޒްނާ ކުރެއްވި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

https://sun.mv/194489

މޫމިނާ ހަސަންފުޅަށް 12 ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ސޯލިހާއި ފާތިމަތު މުޙައްމަދު ސޯލިހުގެ އިތުރުން ލޯފަން ތިން ބޭފުޅެއްް ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ އާއިލާގައި ހިމެނިވަޑައިގަންނަވާ ލޯފަން ތިން ބޭފުޅުންނަކީ ވެސް ޤުރުއާން ހިތުދަސް ބޭފުޅުންނެވެ. އެ ތިން ބޭފުޅުން ވަނީ މިދިޔަ އަހަރު އިމާމު ކޯސް ފުރިހަމަކުރައްވައިފައެވެ.

comment ކޮމެންޓް