ޞާލިޙްގެ މަންމާފުޅުގެ ޖަނާޒާ: އިމާމުވީ ޤުރުއާން ހިތުދަސް، ލޯފަން ދަރިކަލުން

ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ މަންމާފުޅު، މޫމިނާ ހަސަންފުޅުގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ/ ހަތާވީސް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ މަންމާފުޅު، މޫމިނާ ހަސަންފުޅުގެ ޖަނާޒާގައި އިމާމުވެ ނަމާދުކުރެއްވީ ލޯފަން ދަރިކަލުން މޫސާ މުހައްމަދު ސޯލިހް (މޫސަބެ)އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މޫސަބެ ސަންދޯކުގެ ކުރިމަތީ ބެހެއްޓުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެހީތެރިވެދެއްވައެވެ. މި ޖަނާޒާ ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގައި ރޭގެ މަޣްރިބް ނަމާދަށް ފަހުއެވެ.

މޫސައަކީ ކީރިތި ޤުރުއާން ހިތުދަސް ބޭފުޅެކެވެ.

ޖަނާޒާގައި ވަޒީރުންނާއި އިމާމުން އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ކަށުނަމާދުގެ ކުރީސަފުގައި އިސްލާމިކް މިނިސްޓަރު ޝަހީމާއި ކުރީގެ ރައީސް ޞާލިހާއި އެ މަނިކުފާނުގެ ކޮއްކޯފުޅު ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި އިމާމުކަން ކުރައްވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު، މޫމިނާ ހަސަންފުޅު އަވަހާރަވީއިރު އުމުރުފުޅުން 80 އަހަރެވެ.

މޫމިނާ ހަސަންފުޅަށް 12 ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ސޯލިހާއި ފާތިމަތު މުޙައްމަދު ސޯލިހުގެ އިތުރުން ލޯފަން ތިން ބޭފުޅެއްް ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ އާއިލާގައި ހިމެނިވަޑައިގަންނަވާ ލޯފަން ތިން ބޭފުޅުންނަކީ ވެސް ޤުރުއާން ހިތުދަސް ބޭފުޅުންނެވެ. އެ ތިން ބޭފުޅުން ވަނީ މިދިޔަ އަހަރު އިމާމު ކޯސް ފުރިހަމަކުރައްވައިފައެވެ.

ޞާލިހުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.

comment ކޮމެންޓް