ކާމިޔާބު ބަޔަކަށްވާން ތައުހީދުގެ މަތިވެރި އަސާސްގައި ހިފައްޓަންޖެހޭ: ޚުތުބާ

ހުކުރު ޚުތުބާ: ކާމިޔާބު ބަޔަކަށްވުމަށް ތައުހީދުގެ މަތިވެރި އަސާސްގައި ހިފައްޓަންޖެހޭ ކަމަށް ޚުތުބާގައި ބުނި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ތައުހީދުގެ މަތިވެރި އަސާސުގައި ހިފައްޓައިފިނަމަ، ކާމިޔާބު ބަޔަކަށް ވާނެ ކަމަށާއި ކުރާ ކޮންމެ އަމަލެއް ﷲއަށް ޚާލިސްކޮށް ޝިރުކުން އެއްކިބާ ކުރެވިއްޖެނަމަ، ސީދާ މަގުގައި ފައިތިލަ ސާބިތުވެ ބާއްޖަވެރިވާނެ ކަމަށް ޚުތުބާގައި މިއަދު ބުނެފިއެވެ.

ތައުޙީދުގެ މައްޗަށް މިއަދުކީ ޚުކުރު ހުތުބާގައި ބުނީ، ތައުހީދަކީ ﷲގެ އެއްކައުވަންތަކަށް ގަބޫލުކޮށް، ޝިރުކުގެ އެންމެހައި އަމަލުތަކުން ދުރުހެލިވެ، ރައްކާތެރިވުން ކަމުގައެވެ. އެ ގޮތުން، ތައުޙީދު ތިން ބަޔަކަށް ބެހިގެންވާ ކަމަށާއި މި ތިން ބައިގައި ވެސް ﷲ އެއްކައުވަންތަކޮށްގެން މެނުވީ މި މަތިވެރި އަގީދާ ހާސިލުނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޢިލްމުވެރިން ތައުހީދު ބައްސަވާފައިވާ ފުރަތަމަ ބަޔަކީ، ރުބޫބިއްޔަތުގައި އެކަލާންގެ އެއްކައުވަންތަ ކުރުމެވެ. ޚުތުބާގައި ބުނީ، މިއީ ﷲއަށް ޚާއްސަވެގެންވާ ކަންކަމުގައި އެކަލާންގެއަށް ޝަރީކުކުރުމުން ދުރުހެލިވުން ކަމުގައެވެ. އަދި، ޚަލްގުކުރެއްވުމާއި، ދިރުއްވުމާއި، މަރުގެންނެވުމާއި، ރިޒުގުދެއްވުމާއި، މި އެންމެހައި ކަންކަން މިލްކުވެވޮޑިގެންވަނީ ހަމައެކަނި ﷲއަށްކަމާއި މި ކަންކަމުގައި އެކަލާންގެއަށް ބައިވެރިއަކު ނުވާކަމަށް ގަބޫލުކުރުމެވެ.

ތައުޙީދުގެ ދެވަނަ ބަޔަކީ ހުރިހާ އަޅުކަމެއް ހަމައެކަނި ﷲއަށް އަދާކުރުމެވެ. އެ ގޮތުން، މިއީ އަޅުކަމުގެ ގޮތުގައި ކުރެވޭ ހުރިހާކަމެއް އެކަލަންގެއަށް ޚާލިސްކުރުމާއި އަޅުކަމުގެ އެއްވެސް ކަމެއްގައި އެކަލާންގެ ފިޔަވާ އެހެން ފަރާތެއް ބައިވެރިކުރުމަކާ ނުލާ ކުރުމެވެ.

"ނަމާދުކުރުމާއި، ރޯދަ ހިފުމާއި، ދުޢާކުރުމާއި، ނަދުރުބުނުމާއި، ޤުރުބާންކުރުމާއި، ބިރުވެތިވުމާއި، ކަންކަމުގައި ވާތްގަށް އެދި ދެންނެވުމާއި، އަޅުކަމުގެ ގޮތުން ކުރާ މިފަދަ ހުރިހާ އަމަލެއް ހަމައެކަނި އެކަލާންގެއަށް ޚާލިސްކުރުމެވެ،" ޚުތުބާގައި ބުންޏެވެ.

ތައުހީދުގެ ތިންވަނަ ބަޔަކީ ތައުޚީދުލްއަމާއި ވައްޞިފާތިއެވެ. ޚުތުބާގައި ބުނީ، މިއީ މާތްﷲގެ އިސްމަފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާންގެ އެއްކައުވަންތަކުރުން ކަމަށެވެ. އަދި، އެންމެ މަތިވެރިވެގެންވާ ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލަންގެއަށްކަން ގަބޫލުކުރުމެވެ.

ޚުތުބާގައި ބުނީ، އިސްލާމްދީން އެ އަސާސެއްގެ މައްޗަށް ބިނާވެފައި އޮންނަ އަސާސަކީ ތައުހީދު ކަމަށެވެ. އަދި، ކުރާ އަމަލުތަކުގައި ޝިރުކު ހިމެނިއްޖެނަމަ، ހުރިހާ އަމަލެއް ބާތިލުވެ، ގެއްލެނިވެގެން ހިނގައިދާނެކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް