ބްރެޒިލްގެ ސާވީނިއޯ ސިޓީއަށް

ބްރެޒިލްގެ ސާވީނިއޯ، އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސާވީނިއޯ ސިޓީއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 40 މިލިއަން ޔޫރޯގެ އަގަކަށެވެ. އުމުރުން 20 އަހަރުގެ ސާވީނިއޯ މިދިޔަ ސީޒަން ހޭދަކޮށްފައިވަނީ ސްޕެނިޝް ލަލީގާގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު ތިންވަނަ ހޯދި ޖިރޯނާގައެވެ.

ސިޓީއަށް ސޮއިކުރުމަށް ފަހު ވާހަކަދައްކަމުން ސާވީނިއޯ ބުނީ، ސިޓީއަކީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ކްލަބް ކަމަށެވެ. އަދި، އޭނާ ހުރީ ޕެޕް ގާޑިއޯލާއާ އެކު މަސައްކަތްކުރަން ކެތްމަދުވެފައި ކަމަށެވެ.

ސާވީނިއޯ އޭނާގެ ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ ބްރެޒިލްގެ ކްލަބެއް ކަމަށްވާ އެޓްލެޓިކޯ މިނެއިރޯއިންނެވެ. އަދި، 2022 ވަނަ އަހަރު ޓްރޮޔޭސްއަށް ބަދަލުވުމަށް ފަހު ވަގުތުން ވަނީީ ނެދަލަންޑްސްގެ ކްލަބް ޕީއެސްވީ އެއިންދުހޯވެންއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުކޮށްފައެވެ.

މިދިޔަ ސީޒަންގައި އޭނާވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޖިރޯނާއަށް ކުޅެ 11 ލަނދު ޖަހައިދީ 10 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އޭނާއަށްވަނީ ބްރެޒިލްގެ ޤައުމީ ޓީމުން ވެސް ޖާގަ ލިބިފައެވެ. ނިމިދިޔަ ކޮމެބޯލް ކޮޕާ އެމެރިކާ މުބާރާތުގައި ޕެރަގުއާއީ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ގައުމީ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ.

ސިޓީން ބުނީ، ސާވީނިއޯއަކީ ކުރިއަށް އޮތް ސީޒަނާއި މުސްތަގުބަލުގައި ސިޓީއަށް މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެއް ކަމަށެވެ. އަދި، އޭނާގެ ހުނަރާއި ގާބިލުކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށާއި އަދި އޭނާއަކީ އަދިވެސް ވަރަށް ޒުވާން ކުޅުންތެރިއެއްކަމުން އޭނާގެ ކިބައިގައި މިހާރަށްވުރެ ވެސް މޮޅު ކުޅުންތެރިއަކަށްވުމުގެ ގާބިލްކަން އެބަހުރި ކަމަށް ވެސް ސިޓީން ބުންޏެވެ.

comment ކޮމެންޓް