އަނދިރީގައި އޮތް މުއްޔަށް މިރޭ ކަރަންޓު ދެނީ

މ. މުލި: މުލިން ކަރަންޓު ކެނޑި ގިނައިރުތަކެއް ވަނީ ވެފައި -- ފޮޓޯ/ އެމްޓީސީސީ

މ. މުލިން ކަރަންޓު ކެނޑުމުން އެރަށަށް ގެންގޮސްފައިވާ 600 ކިލޯ ވޮޓްގެ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށްފަހު މިރޭ މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަމަށް އެރަށު ފެނަކަ ބްރާންޗުން ބުނެފިއެވެ.

ފެނަކައިން ބުނީ މިހާރު ވެސް ރަށުގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައި ވާކަމަށެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން އެ ރަށުގެ ކައުންސިލް ރައީސް ޝަމްއޫން ރަމީޒް ވިދާޅުވީ ކަރަންޓުގެ ޚިދުމަތް ކެނޑިފައިވީ ނަމަވެސް އެ ރަށުގެ ޒޯންތަކަށް ކޮންމެ 30 މިނެޓަކުން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ފ. އަތޮޅުން ފެނަކައިގެ ޓީމެއް ގެންގޮސްގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

މުލިން ކަރަންޓުގެ ޚިދުމަތް ކެނޑުނީ އިއްޔެ ހެނދުނު 8:15 ކަން ހާއިރެވެ. އަދި ޚިދުމަތް ނުލިބި ގިނަ އިރުވުމުން ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށް މީގެ ކުރިން ކައުންސިލުން ވަނީ ބުނެފައެވެ.

އެ ރަށުން ކަރަންޓު ކެނޑި ގިނައިރުތަކެއް ވެފައިވާތީ އެ ރަށު ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް