ޓީވީ ޝޯތަކާއި ކުޑަ ސްކްރީން އުފެއްދުންތަކަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ އެމީ އެވޯޑްސްގެ ނޯމިނޭޝަންގެ ލިސްޓުގެ އެންމެ ކުރީގައި "ޝޯގަން" އާއި "ބެއާ" ހިމެނިއްޖެއެވެ.
އެފްއެކްސްއިން މި އަހަރު، ލިމިޓެޑް ސީރީޒްއެއްގެ ގޮތުގައި ނެރުނު ހިސްޓޮރިކަލް ފިކްޝަން ޝޯ "ޝޯގަން" ރިލީޒް ކުރުމާ އެކު އެތައް ބަޔަކު ބުނަމުން ދިޔައީ މި ޝޯއަކީ މި އަހަރުގެ އެންމެ ކާމިޔާބު ޝޯއަށް ވާނެ ކަމަށެވެ. ފިއުޑަލް ޖަޕާނަށް ސެޓުކޮށްފައިވާ މި ޝޯގެ ވާހަކައިން ފެށިގެން ސިނެމެޓޮގްރަފީއަށް ވެސް އެތައް ބައެއްގެ ތައުރީފު ލިބުނެވެ.
އެމީގެ ނޮމިނޭޝަން ލިސްޓު އާންމުކުރިއިރު މި ފަހަރު އެންމެ ގިނަ ނޯމިނޭޝަނެއް ލިބިފައިވަނީ މި ޝޯއަށެވެ. ޝޯގަންއަށް ވަނީ ޖުމްލަ 25 ނޯމިނޭޝަނެއް ލިބިފައެވެ. މި ޝޯ ނޯމިނޭޓް ވެފައިވާ ދާއިރާތަކުގެ ތެރޭގައި އެންމެ މޮޅު ޑްރާމާ ޝޯއާއި ސިނެމެޓޮގްރަފީގެ އިތުރުން ޑައިރެކްޝަނާއި ސްކޯ ވެސް ހިމެނެއެވެ. އޭގެ އިތުރުން، ޝޯގެ ލީޑް އަދި ސަޕޯޓިން އެކްޓަރުން ވެސް ވަނީ އެކި އެވޯޑުތަކަށް ނޯމިނޭޓްވެފައެވެ.
ލިސްޓުގެ ދެވަނައިގައި ހިމެނެނީ ކޮމެޑީ ޝޯއެއްގެ ގޮތުގައި ޕްރޮމޯޓުކުރާ "ބެއާ"އެވެ. މި ޝޯއަށް ވަނީ 23 ނޮމިނޭޝަނެއް ލިބިފައެވެ. ނަމަވެސް، މި 23 ނޮމިނޭޝަނާ އެކު ޝޯ ވަނީ މީގެ ކުރީން ހަދާފައިވާ ބޮޑު ރިކޯޑެއް މުގުރާލާފައެވެ. އެއީ، ކޮމެޑީ ކެޓަގަރީގެ ޝޯއެއް މިހާތަނަށް އެންމެ ގިނަ ނޯމިނޭޝަން ހޯދި ރިކޯޑެވެ.
މީގެ ކުރީން އެ ރިކޯޑު އޮތީ އެންބީސީގެ ހިޓް ޝޯ "30 ރޮކް" އަތުގައެވެ. އެ ޝޯ މި ރިކޯޑު ގާއިމުކުރީ 2009 ވަނަ އަހަރުއެވެ. އެ ފަހަރު 30 ރޮކް އަށް ލިބިފައިވަނީ 22 ނޮމިނޭޝަންއެވެ. އެއަށް ފަހު ކޮމެޑީ ޝޯއަކަށް އެ އަދަދާ ގާތް ކުރެވޭ މިންވަރަކަށް ނޮމިނޭޝަނެއް ލިބިފައެއް ނުވެއެވެ. އެންމެ ފަހުން އެ ރިކޯޑު މިއޮތީ މުގުރާލާފައެވެ.
ޝޯގަންއާއި ބެއާއަށް ބޮޑު ކާމިޔާބީތަކެއް ލިބުނު ނަމަވެސް އެމީގެ ތާރީޚުގެ އެންމެ ބޮޑު ރިކޯޑު އަދިވެސް އެބައިނެވެ. އެއީ މިހާތަނަށް އެންމެ ގިނަ ނޮމިނޭޝަން ލިބުނު ޝޯގެ ރެކޯޑެވެ. ޖުމްލަ 32 ނޮމިނޭޝަނާ އެކު ތާރީޚުގައި ވެސް އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވާ ޝޯއަކަށް ވެފައިވަނީ އެޗްބީއޯގެ "ގޭމް އޮފް ތުރޯންސް"އެވެ.
މި އަހަރުގެ އެމީ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.