ޑިޒްނީގެ ކްލެސިކް "ލަޔަން ކިންގް"އަށް ބިނާކޮށް އުފެއްދި ލައިވް އެކްޝަން ފިލްމުގެ ޕްރިކުއަލް "މުފާސާ" ހަތަރުވަނަ ހަފުތާއަށް ދުނިޔޭގެ އެކި ގައުމުތަކުގެ ބޮކްސް އޮފީހުގެ އެއްވަނައިގައި ހިފަހައްޓާލައިފިއެވެ.
ކާޓޫން ފިލްމެއްގެ ގޮތުގައި ޑިޒްނީން ގެނެސްދިން "ލަޔަން ކިންގް" 2019 ވަނަ އަހަރު ގެނެސްދިނީ ފޮޓޯރިއަލިސްޓިކް ކޮމްޕިއުޓަ-އެނިމޭޓެޑް ފިލްމެއްގެ ގޮތުގައެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުމާ ގުޅިގެން ފިލްމުގެ ޕްރީކުއަލްއެއް ވަނީ އިއުލާނު ކޮށްފައެވެ.
ޕްރީކުއަލް ފިލްމު މުފާސާ ދައްކަން ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. މި ފިލްމު ދައްކަން ފެށުމާއެކު ފިލްމު ވަނީ ބޮކްސް އޮފީހުގެ ޗާޓުގެ އެއްވަނައަށް އަރާފައެވެ. އަދި މިހާރު ފިލްމު ދައްކާތާ ހަތަރު ހަފުތާ ވެފައިވާއިރު އަދިވެސް ބައެއް ގައުމުތަކުގައި ފިލްމު އޮތީ އެއްވަނައިގައެވެ.
އެގޮތުން އިނގިރޭސިވިލާތާއި އައިރެލެންޑް އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ފިލްމު އަދިވެސް އޮތީ ބޮކްސް އޮފީހުގެ އެއްވަނައިގައެވެ.
އެއާއެކު ފިލްމުގެ އާމްދަނީ މިހާރު ވަނީ 500 މިލިއަން ޑޮލަރު ފަހަނައަޅައި ގޮސް 600 މިލިއަން ޑޮލަރާ ގާތް ވެފައެވެ.
މުފާސާއިން ފެންނާނީ "ދަ ލަޔަން ކިންގް"ގެ ވާހަކަ ފެށުމުގެ ކުރިން ސިމްބާގެ ބައްޕަ މުފާސާގެ ދިރިއުޅުމެވެ. އެގޮތުން ލަޔަން ކިންގްގެ ވިލަން އަދި މުފާސާގެ ކޮއްކޮ ސްކާ އާއި އޭނާއާ ދެމެދު އޮތް ގުޅުން އެ ފިލްމުން ދައްކުވައިދޭނެއެވެ.
މި ފިލްމުގެ މައި ކެރެކްޓަރުތަކަށް އަޑު އަޅާފައިވާނީ އެރަން ޕިއޭ އާއި ކެލްވިން ހެރިސަން ޖޫނިއާ އެވެ. މުފާސާ އާއި ސްކާގެ އިތުރުން ޓިމޮންއާއި ޕުމްބާގެ ކެރެކްޓާ ވެސް މުފާސާއިން ފެންނާނެއެވެ.