އެޑެލް މިއުޒިކުން ބޮޑު ބްރޭކަކަށް!

މިއުޒިކް އިންޑަސްޓްރީގެ އެންމެ ވަރުގަދަ އަޑުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިޔާ އެޑެލް މިއުޒިކުން ބޮޑު ބްރޭކެއް ނަގަން ނިންމައިފިއެވެ.

ވަރުގަދަ ހިޓް އަލްބަމްތައް ނެރެފައިވާ އެޑެލް އަކީ މީގެކުރީން ވެސް އިވެންޓުތަކުގައި މާ އެކްޓިވް ފަންނާނެއް ނޫނެވެ. ދޭތެރެއަކުން ހުރެލާފައި އޭނާ އަލްބަމެއް ނެރޭ ދުވަސްކޮޅު ކުޑަކޮށް އެކްޓިވްކޮށް އުޅުމަށް ފަހު އޭނާ އަބަދުވެސް އޭނާގެ އަމިއްލަ ދިރިއުޅުމަށް ދެއެވެ. ބައެއް ފަންނާނުންހެން އެޑެލް އަކީ އަބަދު މިއުޒިކް ނެރެ ތަފާތު ޝޯތައް ބާއްވާ ތަރިއެއް ނޫނެވެ.

މި ވަގުތު ވެސް އޭނާ ހުރީ މިއުޒިކުން ބްރޭކެއް ނަގާ ވިސްނުމުގައެވެ. ޖަރުމަނުގެ ބްރޯޑްކާސްޓެއް ކަމަށްވާ ޒީޑީއެފްއަށް ދިން އިންޓަވިއުއެއްގައި އެޑެލް ބުނެފައިވަނީ އާ މިއުޒިކް އުފެއްދުމުގެ ހިތްވަރެއް އޭނާ ގައިގައި މި ވަގުތު ނެތް ކަމަށެވެ. އަދި، ކްރިއޭޓިވް ހުނަރު "ހުސްވެފައި"ވާ ކަމަށާއި އިތުރަށް މިއުޒިކް އުފެއްދުމުގެ އިތުރު ޕްލޭނެއް ނެތް ކަމަށް ވެސް އެޑެލް ބުންޏެވެ.

އެހެންވީމާ މިއުޒިކުން ބޮޑު ބްރޭކެއް ނަގާނީ ކަމަށާއި އެނބުރި އަންނާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

އެޑެލް އިތުރަށް ބުނެފައިވަނީ މި ވަގުތު އޭނާ ބޭނުންވަނީ ކްރިއޭޓިވް އެކި ކަހަލަ ހުނަރުތަކަށް ވަގުތު ހުސް ކުރަން ކަމަށެވެ. އެ ގޮތުން, އެނިމޭޝަނަށް އަޑު އެޅުން ފަދަ ހުނަރުތަކަށް އިތުރު ވަގުތު ހޭދަކުރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ކަމަށް އެޑެލް ފާހަގަކުރިއެވެ.

އެޑެލް ބުނެފައިވަނީ އޭނާއަކީ މަޝްހޫރުވާން އެއް އިރަކު ވެސް ބޭނުންވި މީހެއް ނޫން ކަމަށެވެ. ނަމަވެސް, އޭނާއަށް މިއުޒިކް އުފައްދަން ލިބުމަކީ ވަރަށް ވެސް ޝުކުރުވެރިވާ ކަމެއް ކަމުގައި އެޑެލް ބުނެއެވެ.

އެޑެލް އެންމެ ފަހުން ނެރެފައިވަނީ އޭނާގެ އަލްބަމް 30 އެވެ. އެއީ, 2021 ވަނަ އަހަރެވެ. އޭނާގެ އުމުރާ ގުޅުވައިގެން އަލްބަމް ނެރޭއިރު އެންމެ ފުރަތަމަ އަލްބަމް ނެރެފައިވަނީ އޭނާ އުމުރުން 19 އަހަރުގައެވެ. އެ އަލްބަމް އަށް "19" ކިޔާފައިވާއިރު އެ އަލްބަމް ނެރުނީ 2011 ވަނަ އަހަރުއެވެ.

comment ކޮމެންޓް