މިއަހަރުގެ އެންމެ ކޮންޓްރޮވާޝަލް އެއް ފިލްމަކީ ވާހަކައަށް ބިނާކޮށް ނެރުނު ފިލްމު "އިޓް އެންޑްސް ވިތު އަސް" އެވެ. ފިލްމުގެ ކެމެރާ ފަހަތުން ވެސް އެތައް ކަންތަކެއް ވަމުން ދިޔައިރު އެކި ވާހަކަތައް ވަނީ ދެކެވިފައެވެ. އެންމެފަހުން ފިލްމުގެ ލީޑް އެކްޓަރު، ބްލޭކް ލައިވްލީ ފިލްމުގެ ދެވަނަ ލީޑް އަދި ޑައިރެކްޓަރު ޖަސްޓިން ބަލްޑޯނީ އާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ގެވެށި އަނިޔާގެ ވާހަކަ އެންމެ އެކަށީގެން ނުވާ ގޮތަށް ސިފަކޮށްފައިވާ ވާހަކައަށް ބިނާކޮށް ފިލްމެއް ހަދަން އުޅޭ ކަމުގެ ވާހަކަ އިއުލާނު ކުރި ހިސާބުން ފިލްމާ ގުޅޭގޮތުން އާންމުންގެ ތެރޭގައި ފިލްމަށް ވަނީ ފާޑު ކިޔުން އުފެދިފައެވެ. ދެން ފިލްމުގެ ޕްރެސް ޓުއާ ފެށުން ހިސާބުން އިތުރު ފާޑު ކިޔުންތަކެއް ވަނީ އުފެދިފައެވެ. ޖިންސީ ގޯނާގެ ވާހަކަތަކާއި ގެވެށި އަނިޔާގެ ވާހަކަތަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއްގެ ޕްރެސް ޓުއާގައި ކޮމެޑީ ފިލްމު ޕްރޮމޯޓު ކުރާ ގޮތަށް ވާހަކަތައް ހުރުމުން ބްލޭކް އާ ދެކޮޅަށް ވަނީ ތަފާތު ފާޑު ކިޔުންތައް ރައްދުވެފައެވެ.
ފިލްމުގެ ޓުއާއަށް ފަހު ދެން ދެކެވެން ފެށީ އަނެއްކާ ވެސް ތަފާތު ވާހަކަތަކެކެވެ. ބްލޭކް ވަނީ އޭނާގެ ކޯސްޓާ އާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ ވާހަކަތައް ދައްކާފައެވެ. އެގޮތުން ޖަސްޓިން އަކީ މަސައްކަތް ކުރަން އުނދަގޫ ތަރިއެއް ކަމަށް އޭނާ ބުންޏެވެ. އަދި ބްލޭކްގެ ހަށިގަނޑާ ގުޅޭގޮތުން އެކަށީގެން ނުވާ އެތައް ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ ބްލޭކް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނެވެ. ނަމަވެސް އެވަގުތު މިވާހަކަތައް ސީރިއަސް ވާހަކަތަކަކަށް ގިނަ ބަޔަކު ނުހެދިއެވެ.
އެންމެފަހުން ބްލޭކް ވަނީ މި ވާހަކަތަކަށް ފަހު ޖަސްޓިން އާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.
ބްލޭކް ހުށަހެޅި މައްސަލައިގައި ތަފާތު އެކި ވާހަކަތައް ހިމަނާފައި ހުއްޓެވެ. ކެލިފޯނިއާގެ ސިވިލް ރައިޓްސް ޑިޕާޓްމެންޓަށް ހުށަހެޅި މައްސަލައިގައި ބަލްޑޯނީ، ބްލޭކް އާ ގުޅޭގޮތުން ދައްކާފައިވާ ހުރި ތަފާތު ވާހަކަތަކަށް އިޝާރާތް ކުރެއެވެ. އޭގެތެރޭގައި އެކި ގޮތްގޮތަށް ބްލޭކްގެ ގައިގައި އަތްލަން އުޅުމާއި ޖިންސީ އެކި ކަހަލަ ވާހަކަތައް ހުއްދައެއް ނެތި ދައްކަން އުޅެފައިވާ ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ބަލްޑޯނީގެ ފަރާތުން ވަކީލުން ހަމަޖައްސައި ދެކޮޅަށް މަސައްކަތް ކުރުމަށް ވަނީ ފަށާފައެވެ. ނަމަވެސް މައްސަލައާ ގުޅޭގޮތުން އަދި އިތުރު ވާހަކަތަކެއް އާންމުކޮށްފައެއް ނުވެއެވެ.