މ. މުލިން ކަރަންޓު ކެނޑިފައި އޮންނަތާ 24 ގަޑިއިރުވީއިރު، ކަރަންޓުގެ މައްސަލަ ހައްލުކުރެވޭނެ އިރެއް ނޭނގޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
މުލީ ކައުންސިލުން މިއަދު "ސަން"އަށް މައުލޫމާތުދެމުން ބުނީ، އިއްޔެ ހެނދުނު 08:15 ހާއިރު އެ ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އަދިވެސް ކަރަންޓުގެ ޚިދުމަތް އަލުން އެއްކޮށް ދޫނުކުރާ ކަމަށެވެ.
ކައުންސިލުން ވާހަކަދެއްކި އޮފިޝަލް ވިދާޅުވީ، ކަރަންޓު ކެނޑުނު ސީދާ ސަބަބު އަދިވެސް ދެނެނުގަނެވޭ ކަމަށާއި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ރަށުގެ ފެނަކަ ޓީމުން ކުރަމުން އަންނަ ކަމަށެވެ.
"ރޭޑިއޭޓަރު ހައްލުކުރާއިރަށް އެހެން މައްސަލައެއް ޖެހޭ. އެ ކަހަލަ ގޮތަކަށް މިދަނީ. އަދި ސީދާ ކަރަންޓު ދެވޭނެ އިރެއް ބުނާކަށް ނޭނގެ. މި ކޮޅުގެ ފެނަކަ ސްޓާފުން މިހާރު 24 ގަޑިއިރުވީ މަސައްކަތް ކުރަމުން ގެންދާތާ،" އޭނާ ވިދާޅުވިއެވެ.
އެ ރަށު ކައުންސިލުން ބުނީ، ކަރަންޓުގެ ޚިދުމަތް ކެނޑިފައިވީ ނަމަވެސް އެ ރަށުގެ ޒޯންތަކަށް ކޮންމެ 30 މިނެޓަކުން ކަރަންޓު ދެމުން އަންނަ ކަމަށެވެ. އަދި، އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ކަރަންޓު ދޫކުރި ނަމަވެސް އެންމެ ފުރިހަމައަށް ޚިދުމަތް ނުދެވޭ ކަމަށް ކައުންސިލުން ބުންޏެވެ.
އެ ރަށުގައި ބޭނުންކުރާ އިންޖީނުތަކަކީ ވަރަށް ހާލަތު ދަށް އިންޖީނުތަކެއް ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
އެ ރަށު ކައުންސިލުން ބުނީ، އެ ރަށަށް 600 ކިލޯ ވޯލްޓުގެ ޖަނަރޭޓަރެއް ގެނެސްފައިވީ ނަމަވެސް، އަދިވެސް އެ ޖަނެރޭޓަރު ހުރީ އިންސްޓޯލްނުކޮށް ކަމަށާއި އަދިވެސް ފެނަކައިން ބޭނުންކުރަމުން އަންނަނީ ކުރީގެ ބާ ޖަނެރޭޓަރު ކަމަށެވެ.
ކަރަންޓުގެ ޙިދުމަތާ ނުލާ ރައްޔިތުން 24 ގަޑިއިރަށްވުރެ ގިނައިރު ހޭދަކޮށްފި ކަމަށާއި، ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށް ކައުންސިލުން ބުންޏެވެ.
އެ ރަށުން ކަރަންޓު ކެނޑި ގިނައިރުތަކެއް ވެފައިވާތީ އެ ރަށު ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.