ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ގިނަ ޕްރޮޖެކްޓުތަކެއް ހުރިނަމަވެސް ބަޖެޓުގެ ދަތިކަން އެބަހުރި ކަމަށާއި، ނަމަވެސް އަމާޒަކީ ރަށްރަށަށް އެންމެ ބޭނުންވާ ޕްރޮޖެކްޓުތައް ފާހަގަކޮށް އެ މަސައްކަތްތައް ނިންމުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.
ރާފިއު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ރަށްރަށުގެ ކުޅިވަރުގެ މަޝްރޫއުތައް ހުއްޓިފައި އޮތް އޮތުމާ ގުޅިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައެވެ.
ރާފިއު ވިދާޅުވީ މިނިސްޓްރީގެ ބަޖެޓުގައި ޕްރޮޖެކްޓް ނިންމޭ ވަރަށް ފައިސާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ރަށްރަށުގައި ހަތަރު ފަސް ޕްރޮޖެކްޓް ނިންމަން ބަޖެޓުގައި ހިމަނާފައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
ބަޖެޓުގައި ހިމަނާފައި މި ހުންނަނީ އެޑްވާންސް ދީގެން މަޝްރޫއު ފެށޭވަރަށް ކިރިޔާ. ދެން ދެވަނަ ޕޭމަންޓް ނުލިބި މަޝްރޫއު ހުއްޓިގެން މިދަނީ. ހުއްޓިފައި އޮންނަ ހުއްޓުން ފައިސާ ނުލިބިއްޖެނަމަ އޮންނަނީ ހުއްޓިފަ. ދެން އަޅުގަނޑުމެންނަށް މި ޖެހެނީ އަނެއްކާވެސް އަންނަ އަހަރުގެ ބަޖެޓަށް ލައިގެން މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
މަޝްރޫއުތަކަށް މިނިސްޓްރީގެ މި އަހަރުގެ ބަޖެޓުގައި 284 މިލިއަން ރުފިޔާ ހުރިކަން ފާހަގަކުރައްވާ ރާފިއު ވިދާޅުވީ ރަށްތަކަށް އެންމެ ބޭނުންވަނީ ކޮންކޮން ޕްރޮޖެކްޓެއްތޯ ކައުންސިލްތަކާ މަޝްވަރާކޮށްގެން ބަލާނެ ކަމަށެވެ. އަދި މަދު ނަމަވެސް އަމާޒަކަށް ވާނީ އެ ޕްރޮޖެކްޓުތައް ނިންމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރުން ދެން އެންމެ ބޮޑަށް ފާހަގަކުރެއްވި ކަމަކީ އެފްއޭއެމް ބަނގުރޫޓުވެފައި އޮތް އޮތުމެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވެސް ވަނީ އެފްއޭއެމް ބަނގުރޫޓުވެފައި ވަނީ މިދިޔަ ސަރުކާރުގެ އިހުމާލުންތޯ ސުވާލުއުފައްދާފައެވެ.
އޭގެ ޖަވާބުގައި ރާފިއު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ސަރުކާރުގެ ވިސްނުމަކީ ކުޅިވަރު ގާނޫނު އިސްލާހުކޮށް، ޖުމްލަ ހައްލެއް ހޯދުން ކަމަށެވެ.
ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކާއި އަދި އެ އެސޯސިއޭޝަންތައް އެފިލިއޭޓްވެފައިވާ މައި އިދާރާތަކުގެ ގަވާއިދުތަކަށް ސްޕޯޓްސް ކޮމިޝަންގެ ގަވާއިދުތަކާއި ގާނޫނުތަކަށް ލާ މެހިގެން ފުށުނާރާ ގޮތަށް އެކަން ބައްޓަން ކުރުމަކީ މީގެ ޖުމްލަ ހައްލު ކަމުގައި އަޅުގަނޑު ދެކެނީ. އެކަން އަޅުގަނޑުމެން ކުރަމުން މިދަނީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
މި ސަރުކާރުން ފުޓްބޯޅައާއި އެހެން ކުޅިވަރުތައް ވެސް ކުރިއަރުވަން ގާނޫނަށް ފުށުނާރާ ގޮތަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރާފިއު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ އެފްއޭއެމް އާއި ކުޅިވަރާ ބެހޭ އެހެން އެސޯސިއޭޝަންތައް ވެސް ރާއްޖޭގެ ގާނޫނާއި ގަވާއިދުގެ މަތިން މާ ގިނަ ދުވަސްތަކެއްނުވެ ފުރިހަމަ ވެގެންދާނެ ކަމަށެެެވެ. ހަމައެއާއެކު ކުޅިވަރުގެ ގާނޫނަށް ގެންނަ އިސްލާހުގެ މަސައްކަތް މިނިސްޓްރީން ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ސްޕޯޓްސް އާބިޓްރޭޝަންގެ ކަންކަން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވަރަށް އަވަހަށް އެޓާނީ ޖެނެރަލް އޮފީހަށް މި އިސްލާހު ފޮނުވެނޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.