ބަންގްލަދޭޝްގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ހަ މީހުން މަރުވުމާ ގުޅިގެން އެ ގައުމުގެ ސްކޫލްތައް ބަންދުކުރަން އަމުރުކޮށްފިއެވެ.
ބަންގްލްދޭޝްގައި މުޒާހަރާކުރަނީ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ.
މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝްގެ ހައި ސްކޫލްތަކާއި އިސްލާމިކް ސެމިނަރީއަކާއި ވޮކޭޝަނަލް އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވެސް ވަކި އެއްޗެއް އަންގަންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
އެ ކަމާ ގުޅިގެން ތައުލީމާ ބެހޭ ވުޒާރާގެ ތަރުޖަމާނު އެމް. އޭ ޚައިރު އޭއެފްޕީއަށް ވިދާޅުވީ ސްކޫލްތައް ބަންދުކުރަން އަމުރު ނެރުނީ ދަރިވަރުންގެ ސަލާމަތަށްޓަކައި ކަމަށެވެ.
އެ އަމުރުގައި މުޒާހަރާތަކުގައި ބައިވެރިވާ ގިނަ ދަރިވަރުން ކިޔަވަމުންދާ ބަންގްލަދޭޝްގެ ޔުނިވާސިޓީތައް ނުހިމެނޭ ކަމަށާއި އެއީ އެ ޔުނިވާސިޓީތައް ބަންދުކުރުމަށް ޑިމާންޑްކުރުމުގެ ބާރު ތައުލީމާ ބެހޭ ވުޒާރާއަށް ނުލިބޭތީ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އެ މުޒާހަރާތަކަކީ ޖެނުއަރީ މަހު ބޭއްވި ބަންގްލަދޭޝްގެ އާންމު އިންތިޚާބު ކާމިޔާބުކުރައްވައި ޝައިޚް ޙަސީނާ ބޮޑުވަޒީރުކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން އޭނާގެ ސަރުކާރާ ދެކޮޅަށް ބާއްވާ އެ ފަދަ ފުރަތަމަ މުޒާހަރާއެވެ.
ޙަސީނާގެ އަވާމީ ލީގް ޕާޓީއަށް ތާއީދުކުރާ މެންބަރުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އެއް ބަޔަކު އަނެއް ބަޔަކާ ދިމާލަށް ގާ އުކާފައިވާ ކަމުގައި ބަންގްލަދޭޝްގެ ފުލުހުން ބުންޏެވެ. އަދި, ހަމަނުޖެހުންތަކުގެ ބައިވެރިން ލަކުޑިބުރި ފަދަ ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގައި ވެސް ފުލުހުން ބުންޏެވެ. އެންމެ ބޮޑަށް ހަމަނުޖެހުން ހިނގާފައިވާ ސަރަހައްދުތަކުގައި ތެރޭގައި ޔުނިވާސިޓީތަކުގެ ކެމްޕަސްތައް ހިމެނެއެވެ.
ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައިވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ އާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްސަ ކުރުމަށް އެ އައުމުގެ ހައި ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެ ހުކުމް ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް، މުޒާހަރާތަކަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.