މިފްކޯގެ ސީއީއޯކަމުގެ މަގާމަށް ޝަރުތުހަމަވާ މީހަކު ކުރިމަތިނުލާތީ އިއުލާނު ބާތިލުކޮށްފި

މިފްކޯގެ މުވައްޒަފުން އެ ކުންފުނީގެ މަސް ފިހާރައިގެ ބޭރުގައި-- ފޮޓޯ: މިފްކޯ

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ, ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ކަމަށް، ޝަރުތުހަމަވާ އެއްވެސް މީހަކު ކުރިމަތިނުލާ ކަމަށް ބުނެ, ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ކުރި އިއުލާނު ބާތިލުކޮށްފިއެވެ.

މާލީ ހާލަތު ވަރަށް ދަށްކޮށް އޮތް މިފްކޯއަށް ސީއީއޯއެއް ހޯދުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އިއުލާން ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފައެވެ.

ނަމަވެސް މިއަދު ޕީސީބީން ގެޒެޓުގައި ކުރި އިއުލާނު ވަނީ ކުރިން ކުރި އިއުލާން ބާތިލުކޮށްފައެވެ. އޭގެ ސަބަބެއްގެ ގޮތުގައި ޕިސީބީން ބުނީ އެ މަގާމަށް ޝަރުތު ހަމަވާ އެއްވެސް ބޭފުޅަކު ކުރިމަތިލާފައި ނުވާ ކަމަށެވެ.

އިއުލާނު ބާތިލުކޮށްފައި ވާއިރު، އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އާތިފް ޝަކޫރު ވަނީ އެ މަގާމަށް ކުރިމަތިލައްވާފައެވެ.

https://sun.mv/194337

އިއްޔެ އާތިފް "ސަން"އަށް ވިދާޅުވީ މިފްކޯގެ ހާލަތު ރަނގަޅު ކުރުމުގެ ވިސްނުމުގައި އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ކުރިމަތިލެއްވީ ކަމަށެވެ.

ރާއްޖޭގައި ތިއްބެވި އިގްތިސާދީ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާތިފް މީގެ ކުރިން ވަނީ މިފްކޯގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ. އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ އިތުރުން ދިރާގުގެ ޗެއާމަންކަން ވެސް ކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އާތިފް ހުންނެވީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ އެންމެ އިސްވެރިއަކަށެވެ.

ޕީސީބީއިން އިއުލާން ކުރީ އެ މަގާމަށް ދިވެހީންގެ އިތުރުން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ. އެއީ މަހަކު 9500 އެމެރިކާ ޑޮލަރާއި 12000 އެމެރިކާ ޑޮލަރު (146,775 - 185,400 ރުފިޔާ)ގެ މުސާރައަކަށެވެ.

މިފްކޯއަށް އާ ސީއީއޯއަކު ހޯދަނީ އެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު މިދިޔަ މެއި މަހުގެ 21ގައި މަގާމުން ވަކިކުރުމަށް ފަހުގައެވެ. އޭގެ ފަހުން އޭނާއަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފައެވެ.

މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއް ވެފައިވާ ކުންފުންޏެކެވެ.

comment ކޮމެންޓް