މިފްކޯގެ ސީއީއޯ ކަމަށް އާތިފް ކުރިމަތިލައްވައިފި

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އާތިފް ޝަކޫރު---

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ, ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ކަމަށް، އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އާތިފް ޝަކޫރު މިއަދު ކުރިމަތިލައްވައިފިއެވެ.

މާލީ ހާލަތު ވަރަށް ދަށްކޮށް އޮތް މިފްކޯއަށް ސީއީއޯއެއް ހޯދުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އިއުލާން ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ މުއްދަތު މިއަދުގެ 14:00 އަށް ވަނީ ހަމަވެފައެވެ.

ޕީސީބީއިން އިއުލާން ކުރީ އެ މަގާމަށް ދިވެހީންގެ އިތުރުން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ. އެއީ މަހަކު 9500 އެމެރިކާ ޑޮލަރާއި 12000 އެމެރިކާ ޑޮލަރު (146,775 - 185,400 ރުފިޔާ)ގެ މުސާރައަކަށެވެ.

އާތިފް "ސަން"އަށް ވިދާޅުވީ މިފްކޯގެ ހާލަތު ރަނގަޅު ކުރުމުގެ ވިސްނުމުގައި އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ކުރިމަތިލެއްވީ ކަމަށެވެ.

"ސިޔާސީ ވެރިން މަސް އޮޑިން ފައިބާފަައި، ކުންފުނި ހިންގަން ފުރުސަތު ދިނީމަ ރާއްޖެއަށް ރަނގަޅު ވާގޮތަށް ކުންފުނި ހިންގޭނެ. ބޭނުންވަނީ ސިޔާސީ ވެރިން މަސް އޮޑިން ފޭބުން،" ކުރިން މިފްކޯގެ އިސް މަގާމުތައް ފުރުއްވާފައިވާ އާތިފް ވިދާޅުވިއެވެ.

އާތިފް ވަނީ 2004 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް މިފްކޯގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ އިތުރުން މެނޭޖިން ޑިރެކްޓަރުކަން ހިމެނެއެވެ.

ނުއަގުގައި މަސް ގަނެ ވިއްކުމުގެ ސަބަބުން ބަނގުރޫޓް ވުމުގެ ބިރު ހީވެފައިވާ މިފްކޯގެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތާމެދު އާތިފް މީގެ ކުރިން ވަނީ ގިނަ ލިޔުންތަކެއް ވެސް ލިޔުއްވާފައެވެ.

ރާއްޖޭގައި ތިއްބެވި އިގްތިސާދީ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާތިފް މީގެ ކުރިން ވަނީ މިފްކޯގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ. އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ އިތުރުން ދިރާގުގެ ޗެއާމަންކަން ވެސް ކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އާތިފް ހުންނެވީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ އެންމެ އިސްވެރިއަކަށެވެ.

އޭގެ ފަހުން އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިންގެ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ދައުވާ އުފުލާފައިވެއެވެ. އެއީ، އެމްއެމްއޭގެ ދަށުން ހިންގާ އެފްއައިޔޫގެ ކުރީގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު ކުރެވޭ މުއާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރާ ކަމަށް ބުނެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް އަދިވެސް ދަނީ ކުރިއަށެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ކަނޑައަޅައިފައިވާ ޝަރުތުތަކުގެ ތެރޭގައި:

* ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ނުވަތަ ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް އާއި މާސްޓާސް ޑިގްރީ އޮތުން
* މަސް ޕްރޮސެސްކުރުން، އެކްސްޕޯޓް ކުރުން އަދި މަހުގެ ބާވަތްތައް އުފެއްދުން ނުވަތަ/އަދި އެއާ ގުޅުން ހުރި ދާއިރާއަކުން މަދުވެގެން އަށް އަހަރުގެ ތަޖުރިބާ ލިބިފައިވުން
* އެ މަސައްކަތްތައް ކުރާ ބޭރުގެ ބޮޑު ނުވަތަ މެދުމިނުގެ ކުންފުންޏެއްގައި އިސްކޮށް ނުވަތަ މެނޭޖުކުރުމުގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުން
* މީގެ އިތުރުން ދޮށީގެ މަސްވެރިކަން ނުވަތަ ރާއްޖޭގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމަކީ އިސްކަންދޭނެ

މިފްކޯއަށް އާ ސީއީއޯއަކު ހޯދަނީ އެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު މިދިޔަ މެއި މަހުގެ 21ގައި މަގާމުން ވަކިކުރުމަށް ފަހުގައެވެ. އޭގެ ފަހުން އޭނާއަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފައެވެ.

މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއް ވެފައިވާ ކުންފުންޏެކެވެ.

comment ކޮމެންޓް