އިންޑިއާގެ މަގުބޫލު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު, ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނީގެ ދަށުން ހިންގާ އެޖެންސީއަކާ ގުޅިއްޖެކަން އިއުލާނުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މިކަން އިއުލާނު ކުރަމުން ކަރަން ބުނެފައި ވަނީ ޒުވާން ލަވަކިޔުންތެރިޔާ ގުޅުނީ ދަރުމާގެ ބެނާގެ ދަށުން ހިންގާ ޓެލެންޓު މެނޭޖްމަންޓް އެޖެންސީ 'ދަރުމާ ކޯނަސްޓޯން އެޖެންސީ'އަށް ކަމަށެވެ. މި އެޖެންސީގެ ދަށުން މިއުޒިކަށް ހާއްސަ ބައެއް ހިންގާނެ ކަމަށާއި (ޑީސީއޭ) އާއިލާއިން ނެހާއަށް ވަރަށް ހޫނު މަރުހަބާއެއް ކަރަން ވަނީ ކިޔާފައެވެ.
ކަރަންގެ ޕޯސްޓުގައި ބުނެފައި ވަނީ ނެހާ އަކީ ކަރަންގެ ވަރަށް ދުވަސްވީ ރަހުމަތްތެރިއެއް ކަމަށާއި މިއުޒިކާއި ލަވައިގެ ދުނިޔޭގައި ނެހާ ކުރާ ބުރަ މަސައްކަތް ވަރަށް ގާތުން އޭނާއަށް ފެނިފައިވާ ކަމަށެވެ.

ނެހާ ކައްކަރު ޕްރޮިއުސަރު ކަރަން ޖޯހަރުއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ނެހާ އަކީ މިއުޒިކަށް ވަރަށް ޤަދަރާއި ހާއްސަ ލޯތްބެއް ހިތުގައި އޮންނަ ފަންނާނަކަށް ވެފައި (ޑީސީއޭ)އާ ގުޅިގެން ވަރަށް އުފެއްދުންތެރި އެހާމެ ހިތްގައިމު މިއުޒިކާ ގުޅުންހުރި މަސައްކަތްތަކެއް ނެހާގެ ފަރާތުން ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކަރަން ވަނީ ބުނެފައެވެ.
ދަރުމާ ކޯނަސްޓޯޗް އެޖެންސީގެ ދަށުން އިންޑިއާގެ ނުފޫޒުގަދަ ވަރަށް ގިނަ ބައެއް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރެއެވެ. އޭގެތެރޭގައި ކުޅިވަރުގެ ދާއިރާއިން ޤައުމީ ފަންތީގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުން ކަމަށްވާ ވިރާޓު ކޮލީ، ސާނިއާ މިރުޒާ އަދި ޔުވްރާޖް ސިންގްގެ ވަރަށް ގިނަ ހަރަކާތްތައް އެ އެޖެންސީއިން ކުރެއެވެ.
މި އެޖެންސީގެ މިއުޒިކު ވިންގާ ދާދިފަހުން ގުޅުނު އިތުރު ފަންނާނުންގެތެރޭ ޝަކްތީ މޯހަން، ޕަލަކް މުއްޗަލް، އަރުޖުން ކަނުންގޯ، ނީމޭ އަދި ޖުބިން ނޯތިއަލް ހިމެނެއެވެ.