ތިލަފުށިން ބިން ގަތުމަށް ތަރުހީބު ބޮޑު، އިތުރު ބިން ހުރިނަމަ އަލުން ހުޅުވާލާނަން: އެޗްޑީސީ

ތިލަފުށިން ބިންތައް ދޫކުރުމުގެ މަސައްކަތް ފަށައިފި --- ފޮޓޯ/ އާބަންކޯ

ސިނާއީ ބޭނުންތަކަށް ތިލަފުށިން ހުޅުވާލި ބިންތަކަށް ތަރުޚީބު ބޮޑުކަމަށާއި، އިތުރު ބިން ހުރިނަމަ އަދިވެސް ބިން ވިއްކަން އަލުން ހުޅުވާލާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން ސިނާއީ ބޭނުންތަކަށް މިދިޔަ މޭމަހު ވެސް ތިލަފުށިން ބިން ވިއްކަން ހުޅުވާލިއެވެ. ނަމަވެސް، މައުލޫމާތުގެ ކަރުދާހަށް އިސްލާހު ގެނެސް އަލުން ބިމަށް ކުރިމަތި ލުމަށް މިދިޔަ ހުކުރު ދުވަހު ވަނީ އަލުން ހުޅުވާލާފައެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ކޯޕަރެޝަންގެ އުސޫލުތަކާއި ތިލަފުށީގެ މާސްޓާ ޕްލޭންއާ އެއްގޮތްވާގޮތުގެ މަތިން، މިދިޔަ އާދީއްތަ ދުވަހު ހުށަހަޅާފައިވާ ސިޓީތަކަށް ބިމުގެ ޖާގަ ހުރި މިންވަރަކުން، ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މީގެއިތުރުން، އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނަށް ސިޓީ ހުށަހަޅާފައިވާ ފަރާތްތަކަަށް ބިން ކުއްޔަށް ދޫކުރުމުގެ މަރުހަލާ ނިންމުމަށްފަހު، ތިލަފުށީގެ ހުސް ބިންތައް ހުރިކަމުގައިވާނަމަ އިތުރު ފަރާތްތަކަށް ބިން ކުއްޔަށް ނެގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

https://sun.mv/194241

comment ކޮމެންޓް