ސިނާއީ ބޭނުންތަކަށް ތިލަފުށީ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

ތިލަފުށި: ސިނާއީ ބޭނުންތަކަށް ތިލަފުށީ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި ---- ފޮޓޯ/ އެޗްޑީސީ

ސިނާއީ ބޭނުންތަކަށް ތިލަފުށީގެ ދެވަނަ ފިވަހިން ބިން ވިއްކަން މިއަދު ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ މޭ މަހުގައި ވެސް ތިލަފުށިން ބިން ވިއްކަން ހުޅުވާލިއެވެ. އެކަމަކު މިއަދު ވަނީ މައުލޫމާތުގެ ކަރުދާހަށް އިސްލާހު ގެނެސް އަލުން ބިމަށް ކުރިމަތި ލުމަށް ހުޅުވާލާފައެވެ.

މިއަދު އެޗްޑީސީން ނެރުނު އިއުލާނެއްގައި ވަނީ، ބީލަމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ބައިވެރިންނަށް ވެސް ބީލަން ކާމިޔާބު ކުރުމަށް އެއް ބީލަމަށް ވުރެ ގިނައިން ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން، ހުށަހަޅާ ކޮންމެ ބީލަމެއްގެ އަދަދަކީ އެ ވަގުތެއްގައި އެންމެ މަތިން ހުށަހަޅާފައިވާ ބީލަމުގެ އަގަށްވުރެ މަދުވެގެން ފަނަރަ ރުފިޔާ ބޮޑު އަދަދަކަށް ވާން ޖެހޭނެ ކަމަށެވެ.

ތިލަފުށި: ތިލަފުށީ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބިންގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ -- ފޮޓޯ/ އެޗްޑީސީ

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޓައިޕް 1، 4999 - 2500 އަކަފޫޓު، 64 ގޯތި
  • ޓައިޕް 2، 9999 - 5000 އަކަފޫޓު، 42 ގޯތި
  • ޓައިޕް 3، 10000 - 14999 އަކަފޫޓު، 2 ގޯތި

ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

އެޗްޑީސީން އިތުރަށް ބުނީ، ބިޑަށް ހުށަހަޅާ ސްކްރީންގައިވާ 'ފަނަރަ ޕްލަސް' އިން އެ ވަގުތެއްގައި އެންމެ މަތިން ބީލަން ހުށަހަޅާފައިވާ އަގަށް ފަނަރަ ރުފިޔާ އިތުރުކޮށް ބީލަން ހުށަހެޅޭނެ ކަމަށެވެ.

ތިލަފުށީ: ތިލަފުށީ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބިންގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ -- ފޮޓޯ/ އެޗްޑީސީ

މީގެއިތުރުން، ބީލަމުގެ އަދަދު ޖެހުމަށް ޚާއްސަ ކުރެވިފައިވާ ގޮޅި ބޭނުންކޮށްގެން އެވަގުތެއްގައި އެންމެ މަތިން ހުށަހަޅާފައިވާ ބީލަމުގެ އަގަށްވުރެ ފަނަރަ ރުފިޔާއަށް ވުރެ އިތުރަށް އެ ފަރާތަކުން ބޭނުންވާ އަދަދަކަށް އިތުރުކޮށްގެން ބީލަން ހުށަހެޅޭނެ ކަމަށެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެހެންވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން ކުރިއަށް ގެންދެވޭނެއެވެ. ނުވަތަ އެ ކޯޕަރޭޝަންގެ އީމެއިލް މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

comment ކޮމެންޓް