ޔާމީންގެ ފައިސާއާ ގުޅޭ އެސްކްރޯ އެއްބަސްވުމެއް ނެތް، ފައިސާ ދޭން ޖެހޭނީ އޭސީސީ: ބީއެމްއެލް

ކުރީގެރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ޔާމީންގެ ފައިސާއާ ގުޅޭ އެސްކްރޯ އެއްބަސްވުމެއް ނެތް، އެ ފައިސާ ދޭން ޖެހޭނީ އޭސީސީން ކަމަށް ބީއެމްއެލްއިން ބުނެފައިވޭ -- ސަން ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެއް މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހަދައިފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެކައުންޓަކަށް ޖަމާކޮށްފައިވަނީ އެސްކްރޯ އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށް ބީއެމްއެލްއިން މިއަދު ބުނެފިއެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އޭސީސީއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ބީއެމްއެލްގައި އެކައުންޓެއް ހުޅުވައި، އެ އެކައުންޓަށް ރައީސް ޔާމީން ފައިސާ ޖަމާކޮށްފައި ވަނީ ޖޫން 10، 2018 ގައެވެ.

ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 12 މަސް ދުވަހުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުމުގެ ޝަރުތުތަކާ އެއްގޮތަށް ބޭންކަށް ޖަމާކޮށްފައިވާ ފައިސާ އަނބުރާ ދީފައެއް ނުވެއެވެ.

އެހެންވެ، އެ ފައިސާ ބޭންކުން ހިފަހައްޓައިފައި ވަނީ އެސްކުރޯ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައިިދިނުމަށް ބީއެމްއެލްއާ ދެކޮޅަށް، ރައީސް ޔާމީން ވަނީ ސިވިލް ކޯޓުގައި 2022ގައި އެދިވަޑައިގެންފައެވެ.

އެ މައްސަލައިގައި ޖަވާބުދާރީވާން އެންގުމުން ބީއެމްއެލްއިން، ކޯޓުގެ އިހުތިސާސާމެދު އިއުތިރާޒެއް ހުށަހެޅިއެވެ. އެ މައްސަލައިގައި ވަނީ، އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރީ އޭސީސީއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެއީ ބޭންކް ބައިވެރިވާ އެއްބަސްވުމެއް ނޫން ކަމަށް ބުނެފައެވެ.

ބީއެމްއެލްގެ އިއުތިރާޒާ ގުޅިގެން ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ 20ގައި ނިންމީ އެ އިއުތިރާޒު ބަލައިނުގަތުމަށެވެ. އަދި މައްސަލައިގެ މައުޟޫއަށް ޖަވާބުދާރީވުމަށް ބޭންކަށް އެ ކޯޓުން އެންގިއެވެ.

ބީއެމްއެލްއިން ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފުކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ބޭންކްގެ ވަކީލު މޫސާ ފާރިޝް އަހުމަދު ވިދާޅުވީ މި މައްސަލައިގައި އެސްކްރޯ އެއްބަސްވުމެއް ހިމެނޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި އާއި އެހެން ލިޔެކިޔުންތަކުގައި ވެސް ފާހަގަކޮށްފައި އޮތް ކަމަށެވެ. ނަމަވެސް ޔާމީންގެ ފައިސާ ޖަމާ ކުރުމުގެ މުއާމަލާތުގައި އެސްކްރޯ އެއްބަސްވުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެސްކްރޯ އޭޖެންޓް މާނަކޮށްދީފައި މި އޮންނަނީ މުއާމަލާތެއް ފުރިހަމަ ވަންދެން ނުވަތަ ހުސޫމާތެއް ހައްލު ވަންދެން އެ މުއާމަލާތާ ގުޅޭ ފައިސާ ހަވާލާދާރެއް ގޮތުގައި ބަލަހައްޓާ ފަރާތަށް އެސްކްރޯ އޭޖެންޓް މިކިޔަނީ،" އޭނާ ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ އެފަދަ މުއާމަލާތެއްގައި އެސްކްރޯ އެރޭންޖްމެންޓެއްގެ ދަށުން ތިން ފަރާތެއްގެ މެދުގައި އެއްވަސްވުމެއް ހަދައި، އޭގެ ތެރޭގައި އެސްކްރޯ އޭޖެންޓް ވެސް ހިމެނޭނެ ކަމަށެވެ. އެފަދަ އެއްބަސްވުމެއް ހަދާއިރު އެސްކްރޯ އޭޖެންޓަށް އިލްތިޒާމުތަކާއި ބާރުތަކެއް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ވަކި ހާލަތެއްގައި، އެސްކްރޯ އޭޖެންޓުގެ އަތުގައި ބަހައްޓާ ފައިސާ ދިނުމުގެ އިޚުތިޔާރު ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް މި މުއާމަލާތުގައި މި ދެންނެވިހެން މި އޮންނަނީ އެހެނެއްނޫނޭ ކަން ހިނގާފައެއް، މި މުއާމަލާތުގައި އޭސީސީއާއި އަބްދުﷲ ޔާމީނާ ދެމެދު ވެވުނު އެއަސްވުމެއް. އެ އެއްބަސްވުމުގެ ދަށުން އެ ބަޔާންކުރާ ހާލަތު ވުޖޫދުވީމަ ފައިސާ ދިނުމަކީ ވެސް އޭސީސީގެ ޒިންމާއެއް، އަބްދުﷲ ޔާމީނަށް ފައިސާ ދޭން ޖެހޭނަމަ ފައިސާ ދިނުމަކީ އޭސީސީގެ ޒިންމާއެއް،" ފާރިޝް ވިދާޅުވިއެވެ.

މީގެ އިތުރުން އެސްކްރޯ މުއާމަލާތެއްގެ ދަށުން ފައިސާ ޖަމާކޮށްފައި ހުންނާނީ އެ ފައިސާގެ މުއާމަލާތް ކުރާ ދެ ފަރާތުން ކުރެ ފަރާތެއްގެ އެކައުންޓުގެ ބަދަލުގައި، އެސްކްރޯ އޭޖެންޓުގެ އެކައުންޓެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މި މުއާމަލާތުގައި ޔާމީންގެ ފައިސާ ޖަމާކޮށްފައިވަނީ އޭސީސީގެ އެކައުންޓަކަށް ކަމަށާއި އެ އެކައުންޓުގެ މައްޗަށް ފުރިހަމަ ބާރާއި އިޚުތިޔާރު އޮންނާނީ އެ ކޮމިޝަނަށް ކަމަށް ފާރިޝް ވިދާޅުވިއެވެ.

"ބޭންކް އޮފް މޯލްޑިވްސްއަކަށް ނޯންނާނެ އަމިއްލަ ބާރެއް އެ އެކައުންޓެއްގައި ހުރި ފައިސާއަށް ބޭންކުން ބޭނުންވާ ގޮތަށް އަމަލުކުރުމަށް،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ބީއެމްއެލްއިން ހައިކޯޓުގައި އެދިފައި ވަނީ ޔާމީންގެ ފަރާތުން ހުށަހަޅައިފައިވާ މައްސަލައިގައި ބީއެމްއެލްއަކީ ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމަނައިގެން ކުރިއަށްދެވޭނެ ގާނޫނީ ޝަރުއީ އެއްވެސް އުސޫލެއް ނެތް ކަމަށް ކަނޑައަޅައި، ގަޒިއްޔާއިން ބީއެމްއެލް އުނިކުރަން ޖެހޭ ކަމަށް ވެސް ކަނޑައަޅައި ދިނުމަށެވެ.

ވޮޑަމުލާ މައްސަލައިގައި 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ހުކުމްކުރިއެވެ. ނަމަވެސް، 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރަން ހުކުމްކުރިއެވެ.

ނަމަވެސް ޖެހިގެން އައި އަހަރުގެ ޑިސެމްބަރު 25ގައި، އެ މަނިކުފާނު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެއީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.

އެ މައްސަލައިގެ އިސްތިއުނާފު ދިގުދެމިގެން ދިޔުމަށް ފަހު، މިދިޔަ އޭޕްރިލް މަހުގެ 18ގައި ހައިކޯޓުން ވަނީ ޖަލު ހުކުމް ބާތިލުކޮށް އެ މަނިކުފާނު މިނިވަންކޮށްފައެވެ.

comment ކޮމެންޓް