އޮޑިޓު އޮފީހުގެ މުސާރަ ކުޑަވުމުގެ ސަބަބުން އެ އޮފީހުގެ މަސައްކަތަށް އޭގެ އަސަރު ކުރާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަނީ އޮޑިޓާ ޖެނެރަލް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މި ބައްދަލުވުމުގައި އެ އޮފީހަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާފައިވެއެވެ.
އޮޑިޓު އޮފީހުގެ ފަރާތުން ބުނި ގޮތުގައި އެ އޮފީހުގެ މުސާރައިގެ އޮނިގަނޑު ކުޑަވުމުގެ ސަބަބުން ސަރުކާރު ކުންފުނިތަކުން ދަނީ ބޮޑެތި މުސާރައިގައި އެ އޮފީހުގެ ތަޖުރިބާހުރި އޮޑިޓަރުން ނަގަމުންނެވެ.
އޮޑިޓު އޮފީހުން ބުނި ގޮތުގައި އެ އޮފީހުގެ މުސާރައިގެ އޮނިގަނޑުގެ ގޮތުގައި ހަމަޖައްސާފައި އޮތީ 2008ވަނަ އަހަރު ވެސް އަމަލުކުރަމުން އައި އޮނިގަނޑެވެ. އެ ގޮތުން އެ އޮފީހުގެ މުސާރަތައް ހުރީ މީގެ 10 ވަރަކަށް އަހަރު ކުރީން ވެސް ހުރި އަދަދުތަކުގައިކަމަށް އެ އޮފީހުން ބުންޏެވެ. އަދި އޮޑިޓަކީ ޖަޖުމެންޓު ވަރަށް ބޮޑަށް ބޭނުން ކުރަންޖެހޭ އެއްޗެއް ކަމަށާއި، އެ ބޭނުން ކުރެވޭނީ ހަރު އަދި މެޗުއާ މީހުންނަށްކަން ފާހަގަކޮށް، ތަރުޖިބާހުރި އޮޑިޓަރުންގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވެއެވެ.
"...ގެންދިޔައިމަ އަޅުގަނޑުމެންގެ ތެރޭގައި ތިބި އެންމެ އެކްސްޕީރިއަންސްޑް މީހުން މި ދަނީ އެ ތަންތަނަށް. ދިޔައިމަ އަޅުގަނޑުމެންގެ މުއައްސަސާގައި އަބަދު ވެސް މި ތިބެނީ ޅަ ކުދީން. އަޅުގަނޑުމެން މުއައްސަސާ މިވަނީ ޅަ ކުދީން ޓްރެއިންކުރާ ތަނަކަށް"
މުސާރަ ކުޑަވުމުގެ ސަބަބުން އޮޑިޓު އޮފީހުގެ މުވައްޒަފުން ވަޒީފާއިން ކެނޑޭއިރު، އެ އޮފީހުގެ މަސައްކަތަށް ގާނޫނީ ހުރަސްތަކެއް ވެސް އެބަހުރި ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން ބައެއް މުވައްޒަފުންނަށް އިންޒާރުދީ، ބިރުދައްކައި، އަދި މުދަލަށް ގެއްލުންދޭ ހިސާބަށް ވެސް ގޮސްފައިހުރި ކަމަށް އެ އޮފީހުން ފާހަގަކުރިއެވެ.
މި ކަމާ ގުޅިގެން އޮޑިޓާ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އޮޑިޓު ތައްޔާރު ކުރިއިރު، އޭރު އިންޒާރުތައް ލިބުނު ކަމަށާއި، އެ ކަން ފުލުހުންނަށް ވެސް އެންގި ކަމަށެވެ.
އޮޑިޓު އޮފީހުން 600އެއްހާ އޮޑިޓު ކުރަންޖެހޭއިރު، އެ އޮފީހުގައި ތިބީ ޖުމްލަ 161 މުވައްޒަފުންނެވެ. އެ އޮފީހުން ބުނި ގޮތުގައި 2019އިން 2023އަށް އެވަރެޖްކޮށް އެ ތަނުގެ ސްޓާފް ޓާންއޯވާ ރޭޓު ހުރީ 14ގައެވެ.
މީގެ އިތުރުން އޮޑިޓު ރިޕޯޓުތަކަށް ސަރުކާރު ކުންފުނިތަކުން އަމަލު ނުކުރާކަން ފާހަގަކޮށް، އެ އޮފީހުގެ ފަރާތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސަރުކާރުގެ ކުންފުނިތަކުން އެ ކުންފުނިތަކުގެ ހިސާބުތައް ބެލެހެއްޓުމުގައި ގެންގުޅޭ ދޯދިޔާ ސިޔާސަތުގެ ސަބަބުން، އޮޑިޓު އޮފީހުގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ވެސް އެ އޮފީހުން ފާހަގަކުރިއެވެ.