މިދިޔަ އަހަރު އައްޑޫ އެއާޕޯޓުގެ އާމްދަނީއަށް 61 މިލިއަން އިތުރުވިއިރު، ގެއްލުމުން 10 މިލިއަން ކުޑަކޮށްފި

އައްޑޫ އެއާޕޯޓް: މިދިޔަ އަހަރުގެ އައްޑޫ އެއާޕޯޓުގެ އާމްދަނީއަށް 61 މިލިއަން އިތުރުވިއިރު، ގެއްލުމުން 10 މިލިއަން ކުޑަކޮށްފި -- ފޮޓޯ/ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑްގެ މިދިޔަ އަހަރު އާމްދަނީއަށް 61 މިލިއަން އިތުރުވިއިރު، ގެއްލުމުން 10 މިލިއަން ކުޑަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އެންމެ ދެކުނަށް އޮންނަ ބައިނަލްއަގުވާމީ އެއާޕޯޓަށް 2024ގައި ލިބުނީ 33 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. ނަމަވެސް މިދިޔަ އަހަރު އާމްދަނީ ވަނީ 94.4 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.

އައްޑޫ އެއާޕޯޓަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖެޓް ފިއުލް އާމްދަނީއެވެ. އެގޮތުން 2024 ވަނަ އަހަރު އެ އަދަދު ހުރީ 13.6 މިލިއަން ރުފިޔާގައި ކަމަށްވީ ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 72.9 މިލިއަން ރުފިޔާއަށް އަރައިފައެވެ.

އެހެނިހެން އާމްދަނީއަށް ބަލާއިރު، ގްރައުންޑް ހޭންޑްލިން ޗާޖްގެ ގޮތުގައި 9.64 މިލިއަން ރުފިޔާއާއި ލޭންޑިން ފީގެ ގޮތުގައި 3.86 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރަކީ އައްޑޫ އެއާޕޯޓަށް ޚަރަދުތައް ވެސް އިތުރުވި އަހަރެކެވެ. އެގޮތުން ޖުމުލަ ހިންގުމުގެ ޚަރަދު ވަނީ 55 މިލިއަން ރުފިޔާއިން 112 މިލިއަން ރުފިޔާއަށް އަރައިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޖެޓް ފިއުލްއަށް ކަމަށްވާއިރު، އެ ޚަރަދުތައް 66.6 މިލިއަން ރުފިޔާއަށް އަރައެވެ.

އެހެންނަމަވެސް، އައްޑޫ އެއާޕޯޓް ކުންފުނީގެ މުވައްޒަފުންނަށް ފާއިތުވި އަހަރު ކޮށްފައިވާ ޚަރަދުތައް ވަނީ ދަށްވެފައިކަން އޮޑިޓުން ހާމަވެއެވެ. އެގޮތުން 2024ގައި ކުރި ޚަރަދު 47.7 މިލިއަނަށް އަރާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 46.2 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު މުވައްޒަފުންގެ މުސާރައާއި އުޖޫރައަށް 22.2 މިލިއަން ބޭނުންކޮށްފައިވާއިރު، އިނާޔަތްތަކުގެ ގޮތުގައި ވެސް 22 މިލިއަން ރުފިޔާ ދީފައިވެއެވެ.

https://www.sun.mv/173235

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އައްޑޫ އެއާޕޯޓް ކުންފުންޏަށް ލިބުނު ގެއްލުމުގެ އަދަދު ވެސް މިދިޔަ އަހަރު ވަނީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ދަށްކޮށްފައެވެ. އެގޮތުން 2024ގައި ގެއްލުމުގެ އަދަދު 78.7 މިލިއަނަށް އަރާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 68.7 މިލިއަން ރުފިޔާއަށް އަރައިފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުންޏަކީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުނީގެ ގެއްލުމުގެ ބުރަ ބޮޑުވުމުގެ މައްސަލަ އޮންނަތާ އަހަރުތަކެއް ވަނީ ވެފައެވެ.

comment ކޮމެންޓް