ސަރުކާރުގެ ކުންފުނިތަކުގެ އިންޓާނަލް އޮޑިޓު ރިޕޯޓުތަކުގައި ލަފާދީފައިވީ ނަމަވެސް، ނަތީޖާ ނުފެންނަނީ އެއަށް އަމަލު ނުކުރާތީ ކަމަށް އޮޑިޓު އޮފީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އޮޑިޓާ ޖެނެރަލް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.
މި ބައްދަވުމުގައި އޮޑިޓު އޮފީހަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވަމުން އެ އޮފީހުގެ ފަރާތުން ބުނީ، ސަރުކާރުގެ ކުންފުނިތަކުން ބޮޑު މުސާރައަށް އެ އޮފީހުގެ ތަޖުރިބާހުރި އޮޑިޓަރުން ގެންދާ ކަމަށެވެ.
އޮޑިޓު އޮފީހުން ތަޖުރިބާ ހޯދާ އޮޑިޓަރުން ބޮޑު މުސާރައިގައި ސަރުކާރުގެ ކުންފުނިތަކަށް ގެންދާއިރު، އެ ކުންފުނިތަކަށް އޭގެ ސަބަބުން އެއްވެސް ކުރިއެރުމެއް ނާންނަނީ ކީއްވެތޯ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ ސުވާލު ކުރައްވައިފައެވެ.
މި ސުވާލަށް ދެއްވި ޖަވާބުގައި އޮޑިޓު އޮފީހުގެ ފައިނޭންޝަލް އެންޑް ކޮމްޕްލަޔަންސް އޮޑިޓް ސާވިސަސް ޑިވިޝަންގެ ޑިރެކްޓަރު އިބްރާހީމް ފަޒީލް ވިދާޅުވީ އިންޓާނަލް އޮޑިޓުގެ ނަތީޖާ ނުފެންނަނީ ސަރުކާރު ކުންފުނިތަކުގެ ޑައިރެކްޓަރުންގެ ބޯޑު ފެއިލްވުމުން ކަމަށެވެ.
އެގޮތުން އޮޑިޓު ރިޕޯޓުތައް ފޮނުވޭއިރު، އޭގައި ލަފާދީފައި ހުންނާނެ ކަމަށާއި، އެހެން ނަމަވެސް އެއަށް އަމަލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކައުންޓަބިލިޓީ ޕްރޮސަސް ވަށާޖެހެން އެބަޖެހޭ ދެއްތޯ، އޮޑިޓް ރިޕޯޓުތައް ލިބުނީމަ އެ ރިވިއު ކުރައްވައި، އެއާ ދޭތެރޭގައި ފިޔަވަޅު އަޅާކަމުގައިވަންޏާ އައި ތިންކް ތިންގްސް ވިލް ބީ ބެޓާ"
ފަޒީލް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކެއްގެ ފަރާތުން އެކަން ފާހަގަކުރެވެއެވެ.
މި ބައްދަލުވުމުގައި އޮޑިޓު އޮފީހުގެ ފަރާތުން ވަނީ ސަރުކާރު ކުންފުނިތައް އޮޑިޓު ކުރުމުގައި ދިމާވާ ދަތިތަކާބެހޭ ގޮތުން ފުޅާދާއިރާއެއްގައި ވާހަކަ ދައްކާފައެވެ.
މި ކަމާ ގުޅިގެން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވި ގޮތުގައި ސަރުކާރު ބައެއް ކުންފުނިތަކުން ބައެއް ހިސާބުތައް ބަލަހައްޓާފައި ނުވުމަކީ، އޮޑިޓު ނުހެދިވާ އެއް ސަބަބެވެ.
އޮޑިޓު ރިޕޯޓު ތައްޔާރުކުރުމުގައި، އެ ކުންފުންޏެއްގެ ބައެއް ލިޔެކިޔުން ބޭނުންވާއިރު، އެ ތަކެތި އޮޑިޓު އޮފީހަށް ލިބުމުގައި ދަތިތައް ހުރިކަން އެ އޮފީހުގެ ފަރާތުން ކޮމިޓީގައި ފާހަގަކުރިއެވެ.
އެހެން ނަމަވެސް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އޮޑިޓާ ޖެނެރަލަކަށް ލިޔެކިޔުން ސިއްރު ކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް އެ އޮފީހުގެ ފަރާތުން ވަނީ ބުނެފައެވެ.
އޮޑިޓު އޮފީހަކަށް އެއްވެސް ސަރުކާރުގެ ސިޔާސަތަކަށް ފާޑުކިޔޭކަށް ނޯވެއެވެ. އެ އޮފީހަށް ފާޑުކިޔެން އޮންނަނީ ސިޔާސަތެއް ތަންފީޒުކޮށް، އެ ކަމުހެ ނަތީޖާ ނިކުންނަ ގޮތެއްގެ މައްޗަށެވެ.