އޭސީސީގައި ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 896 މައްސަލައެއް

އޭސީސީގެ ރައީސް އާދަމް ޝާމިލް: އޭސީސީގައި ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 896 މައްސަލައެއް އޮތް ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިހާރު ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 896 މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ވަޑައިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ ކޮމިޝަނުން ދެ މަރުހަލާއަކަށް ބަހާލައިގެން މައްސަލަތައް ބަލާ ކަމަށެވެ. އެއީ ފުރަތަމަ 'ޕްރިލިމިނަރީ' މަރުހަލާއާއި އިތުރަށް މައްސަލަ ބެލުމުގެ މަރުހަލާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ޕްރިމިލަނީ މަރުހަލާގައި ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 316 މައްސަލައެއް އޮތް ކަމަށާއި އިތުރަށް ތަހުގީގު ކުރާ މަރުހަލާގައި 580 މައްސަލަ އޮތް ކަމަށެވެ.

"މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ އަދަދެއް. މީގެ ތެރެއިން އަދި އަޅުގަނޑު ޚާއްސަކޮށް ފާހަގަކޮށްލަން ފާއިތުވެ މިދިޔަ ފަސް އަހަރު ތެރޭގައި އަޅުގަނޑުމެންނަށް، ވަކިން ޚާއްސަކޮށް އަޅުގަނޑުމެން މި މަސައްކަތާ ހަވާލުވި ފަހުން މި ހޭދަވި ވަގުތުގައި އެބައޮތް ވަރަށް ހައްސާސީ ދެ ވަގުތެއް އައިސްފައި،" ޝާމިލް ވިދާޅުވިއެވެ.

އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބޭއްވުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އިންތިޚާބުގެ ދުވަސްވަރު އޭސީސީއަށް ވަރަށް ގިނަ މައްސަލަތައް ލިބުނު ކަމަށާއި އެއީ އާންމުކޮށްވެސް އިންތިޚާބުތަކާ ގުޅިގެން ފެންނަ ކަމެއް ކަމަށެވެ. އެ ދުވަސްވަރު އޭސީސީއަށް ފަސޭހައިން މައްސަލަތައް ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރި ކަމަށާއި، އޭގެ ސަބަބުން ވެސް މައްސަލަތައް ހުށަހެޅުން އިތުރުވި ކަމަށް ޝާމިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭސީސީގެ މައިގަނޑު ދައުރަކަށް އޮންނަނީ މައްސަލަތައް ތަހުގީގު ކުރުން ކަމަށާއި އެއަށް ފަހު ދައުވާ ކުރެވޭނެ ކަމަށް ބެލެވޭ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާ ކަމަށެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން އެ އަހަރު އެ ކޮމިޝަނަށް ޖުމްލަ 1151 ޝަކުވާ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުން ކުރުމާ ގުޅުން ހުރި 112 މައްސަލައާއި ޕްރޮކިއުމަންޓާ ގުޅޭ 115 މައްސަލަ ހިމެނެއެވެ.

https://sun.mv/189830

މީގެ އިތުރުން އެ ރިޕޯޓުގައިވާ ގޮތުން، އޭސީސީން ދައުލަތަށް އަނބުރައި ހޯދުމަށް އިދާރާތަކުގައި އެދިފައިވާ 50.3 މިލިއަން ރުފިޔާގެ ތެރެއިން އަނބުރާ ލިބުނީ، 234،532 ރުފިޔާއެވެ.

comment ކޮމެންޓް