އެސީސީން ދައުލަތަށް އަނބުރާ ހޯދަން އެންގި 50.3 މިލިއަންގެ ތެރެއިން ލިބުނީ 2 ލައްކަ

އޭސީސީއިން ނޫސްވެރިންނާއި ބައްދަލު ކުރެއްވުން

މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ދައުލަތަށް އަނބުރައި ހޯދުމަށް އިދާރާތަކުގައި އެދިފައިވާ 50.3 މިލިއަން ރުފިޔާގެ ތެރެއިން ދައުލަތަށް އަނބުރާ ލިބުނީ، 234،531 ރުފިޔާ ކަމަށް އޭސީސީގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

އޭސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި 15 މައްސަލައެއްގައި ހިމެނޭ 74 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުން ނިންމިއެވެ.

އޭގެ ތެރެއިން ހޯދުމަށް އިދާރާތަކުގައި އެދުނީ، 50.3 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް، މިހާތަކަށް އެގެތެރެއިން ލިބިފައި ވަނީ 234،531 ރުފިޔާކަމަށް ރިޕޯޓުގައިވެއެވެ. މިއީ ފަސް މައްސަލައެއްގައި ހިމެނޭ ފައިސާކަމަށް އޭސީސީން ބުންޏެވެ.

ފާއިތުވި ފަސް އަހަރަށް ބަލާއިރު، ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވާ ފައިސާގެ ތެރެއިން އެންމެ ގިނަ ފައިސާ ހޯދުމަށް އެދިފައިވަނީ 2019 ވަނަ އަހަރެވެ. އެއީ 160 މިލިއަން ރުފިޔާއެވެ.

ދެވަނަށް މިދިޔަ އަހަރު 50.3 މިލިއަން ހޯދުމަށް އެދިފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ފައިސާ ހޯދަން އެދިފައި ވަނީ، 2022ވަނަ އަހަރުއެވެ. އެއީ 35 މިލިއަނެވެ.

ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ ހޯދުމަކީ ގާނޫނުން އޭސީސީއަށް ލާޒިމް ކުރާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

ނަމަވެސް، ކޮމިޝަނުން އަންގާ އެންގުންތަކާ އެއްގޮތަށް ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ލިބޭކަން ކަށަވަރު ކުރުމަށް، ކޮމިޝަންގެ އެންގުންތަކުގެ ފޮލޯއަޕް ހެދުމަކީ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ކުރާ ކަމެއް ކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް