ރާއްޖޭގެ މަސްވެރިކަމުން ދުނިޔެއަށް ނަމޫނާ ދައްކުވައިފި: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި: ވިދާޅުވީ ދެމެހެއްޓެނިވި މަސްވެރިކަމެއްކޮށް، ރާއްޖެއިން ދުނިޔެއަށް މިސާލު ދައްކައިފި ކަމަށް -- ފޮޓޯ

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށް ރާއްޖެއިން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި, ދެމެހެއްޓެނިވި މަސްވެރިކަމެއްކޮށް، ރާއްޖެއިންވަނީ ދުނިޔެއަށް އެ ކަމުގެ މިސާލު ދައްކައިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް، ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާ (އެފްއޭއޯ) ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެން، އެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަމަވެސް އެ މަސައްކަތް ރާއްޖެއަށް އެކަނި ނުކުރެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެ ގޮތުން ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރިއެރުވުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓަރުވަނީ ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

އެފްއޭއޯގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގެ ބައްދަލުވުން --

މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ ރާއްޖެ ފަދަ ކުދި، އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މަސްވެރި ސިނާޢަތުގައި ވިޔަފާރި ކުރުމަށް ހުރި ހުރަސްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ބައިނަލްއަޤުވާމީ މާކެޓަށް މަހުގެ ބާވަތްތައް ނެރުމުގައި ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމެވެ. އެ ގޮތުން މަސް ބޭރުކުރުމަށް ރާއްޖެއިން ބޮޑު ޓެކްސްއެއް ދައްކަންޖެހޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ މި ކަމާ ގުޅިގެން މަސް ޕްރޮސެސްކުރުމަށް ރާއްޖެއިން ރޯ ގަނޑުކުރި ކަޅުބިލަ މަސް ދުނިޔޭގެ ބާޒާރަށް ނެރެން މަޖުބޫރުވެފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ މަހުގެ އަގު އެއްކޮށްގެން ރާއްޖެއިން މަސް ބޭރުކުރުންކަމަށާއި އަދި މި ހާލަތު ބަދަލުކުރަން ބޭނުންވާކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި އެއްތަނބުކަން ފާހަގަ ކުރައްވާފައެވެ. އެ ގޮތުން މި ސިނާޢަތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ 11 އިންސައްތަ މީހުން ވަޒީފާ އަދާކުރާއިރު، އެ ސިނާއަތް އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އެ މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމިއްޔާގެ އިސްބޭފުޅުންނާ ބައްދަލު ކުރެވުން --

މިބައްދަލުވުމުގައި މިނިސްޓަރު ވަނީ ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މި ގޮތުން ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާގެ އެހީތެރިކަމާއިއެކު 1980ގެ ކުރީކޮޅު ފެށި ކަނދުފަތީގެ މަޝްރޫޢު އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެވުނެވެ.

މިގޮތުން ކަނދުފަތި ކަނޑައިގެންދާ މިންވަރު މަދުކުރުމާއި ސައިންޓިފިކް މަޢުލޫމާތު އިތުރުކުރެވޭނެ ގޮތްތަކާއި މަސް އައިނު ދިގު މުއްދަތަކަށް ބެހެއްޓޭނެ ގޮތްތައް ބަލައި ކަނދުފަތީގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަންޖެހޭނަމަ އެ ބަދަލުތައް ގެނައުން ހިމެނެއެވެ. މިއީ ގާތްގަނޑަކަށް 4.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މީގެ އިތުރުން މިނިސްޓްރީގެ މެންޑޭޓަށް ގެނެވުނު ބަދަލާއިއެކު އޯޝަން ރިސޯސަސް ގާނޫނެއް ޑްރާފްޓްކުރުމަށް ބޭނުންވާ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެއްބަސްވެ، މިކަމާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް އެއްބަވެފައިވެއެވެ.

ވަޒީރުވަނީ މަސްވެރި ސިނާއަތުގެ އެކިއެކި ކަންކަމާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި --

މެރިކަލްޗާ ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވެސް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓްގެ ނައިބު ރައީސް އަރިހަށް ކުރެއްވި ޒިޔާރަތުގައި މެރިކަލްޗާ ސިނާޢަތް ތަރައްޤީކުރުމަށް އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވެސް މިނިސްޓަރު މަޝްވަރާކުރެއްވިއެވެ.

އަދި މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ ހަކަތައިގެ 35 އިން ސައްތަ އިޔާދަކުރެނެވި ހަކަތައިން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

comment ކޮމެންޓް