ޕީރިއަޑް ދުވަސްވަރު މޫޑު ގޯސްވޭތަ؟ މި ކަންކަން ކޮށްލާ

މައްސަރު ދުވަސްވަރަކީ ވަރަށް ގިނަ ބަޔަކު ކަންކަމާ މާޔޫސްވެ ދިރިއުޅުމުގެ ގިނަ އާދަތަކަށް ބަދަލުތައް އަންނަ ދުވަސްވަރެއް--ފޮޓޯ/ހެލްތުޝޮޓްސް

މައްސަރު ކަންތައް ޖެހުމުން ނުވަތަ ޕީރިއަޑްވުމުގެ އަލާމާތްތަށް ފެށުމުގެ ހަފްތާއެއްހާ ކުރިން އެކަމުގެ އަލާމާތްތަކުގެ އިހުސާސް ކުރެވި މޫޑު ގޯސްވުމަކީ މިކަން ތަހައްމަލު ކުރާ ވަރަށް ގިނަ އުމުރުގެ އަންހެނުންނަށް ދިމާވާ ކަމެކެވެ.

މި ދުވަސްވަރު ހެނދުނު ވަރަށް ފޯރިއާ ޖޯޝާ އެކު ތެދުވެ އެ ދުވަހުގެ ތާވަލު ސިކުނޑީގައި ފުރިހަމައަށް ރޭވި ނަމަވެސް ގަޑި ދެގަޑިއިރެއްހާ ތެރޭ އެ ހުރިހާ ކަމެއް މަތިން ފޫހިވެއެވެ. ނަމަވެސް މިއީ ހޯމޯނަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމެއް ކަމަށާއި އެކަމާ މާބޮޑަށް ކަންބޮޑު ނުވުމަށް ސިއްހީ މާހިރުން ލަފާ ދެއްވައެވެ.

އާއްމުގޮތެއްގައި މިއަށް ކިޔަނީ ޕްރީމެންސްޓުރަލް ސިންޑްރޯމް (ޕީއެމްއެސް)އެވެ. މިއީ ޖިސްމާނީ އަދި ނަފުސާނީ އަލާމާތްތަކެއް އެކުލެވޭ ކަމެއް ކަމަށްވާއިރު މޫޑު ގޯސްވުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ރިއްސުމުގެ އިތުރުން، ބައެއް މީހުން ބަނޑު ފުއްޕުމަކީ މި ދުވަސްވަރު އާއްމުކޮށް ފެންނަ ޢަލާމާތްތަކެވެ. މީގެއިތުރުން މި ދުވަސްވަރު މީހާ މާބޮޑަށް ޖަޒުބާތުވެ ކަންކަމާ އަވަސް އަވަހަށް ރުޅި އައުމަކީ ވެސް އެއްބައި އަންހެނުން ތަހައްމަލުކުރާ ކަންކަމެވެ.

މައްސަރު ކަންތައް ދިމާވުމުން ކުރިމަތިިވާ މާޔޫސްކަމުން އަރައިގަންނަން ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރި--ފޮޓޯ/ޕިންޓްރެސްޓް
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ދުވަސްވަރު އާއްމުކޮށް ތަޖުރިބާކުރާ ކަންކަން ނުވަތާ އޭގެ އަލާމާތްތައް ކުރިން ނޯޓުކޮށްލެވިދާނެއެވެ.

އޭގެ ސަބަބުން އެފަދަ އަލާމާތްތަކަކީ ހަގީގަތުގައި ވެސް މައްސަރު ކަންތައް ޖެހުމާ ގުޅުންހުރި ކަމެއްކަން ދެނެގަންނަން ފަސޭހަވާނެއެވެ.

ހަމައެއާއެކު އަމިއްލަ ލައިފްސްޓައިލަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރުމަކީ ވެސް މިކަމަށް ހައްލެއް ހޯދަން އެދޭނަމަ ކުރެވިދާނެ ކަމެކެވެ.

އޭގެތެރޭގައި، ކޮންމެ ދުވަހަކު ވެސް 30 މިނެޓުގެ ކަސްރަތެއް ޤަވައިދުން ކުރުމާއި، މި ދުވަސްވަރު ކާހިތްވާ 'ޖަންކް ފުޑް' ކެއުންތައް ކޮންމެ ވެސް ވަރަކަށް މަދުކޮށްލުމަށްފަހު ހަށިގަނޑަށް ނިއުޓްރިއެންޓްސް ލިބޭނެ ކެއުންތަކަށް އިންސާފުކުރުމަށް އިސްކަން ދެވިދާނެއެވެ.

ހަމައެއާއެކު ހަށިގަނޑަށް ބޭނުންވާ ނިދި ފުރިހަމައަށް ހޯދަން މަސައްކަތްކޮށް ސިކުނޑިއަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން ސްޓްރެސްއާ ދުރުވުމަށް މަސައްކަތް ކުރެވިދާނެއެވެ.

މިކަންކަމުން ވެސް ހައްލެއް ނުލިބޭނަމަ މިކަމާ ގުޅިގެން އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާ މަޝްވަރާ ކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ.

comment ކޮމެންޓް