ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން ހެޔޮ ބަދަލުތަކާއި ތަފާތު ވިސްނުންތައް ގެނެސްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ، ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން އަންހެނުންނަށް އަމާޒުކޮށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން އަންނާނެ ހެޔޮބަދަލުތަކާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި މުސްތަގުބަލުގެ ލީޑަރުން އުފެއްދުމުގެ ހަރަކާތެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެއީ އަންހެނުން ބާރުވެރިކުރުވުމާއި މުޅި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ހަރަކާތެއްކަމުގައި އެކަމަނާ ވަނީ ސިފަ ކުރައްވާފައެވެ.
އެކަމަނާ ވިދާޅުވީ މިކަމަށް އެދެވޭ ބަދަލެއް ގެނެވޭނީ ކަންކަމުގައި އިރުޝާދު ދިނުމާއި ލީޑާޝިޕް ތަމްރީނުތަކާއި، ނިންމުންތައް ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުމަށް ހިތްވަރުދީގެން ކަމަށެވެ. އަދި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި، މި ކަންކަމަށް އެއްބާރުލުން ދިނުމުގެ މާހައުލެއް އުފެއްދުމާއެކު އެފަދަ މުޖުތަމައުތައް އުފައްދަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސާޖިދާގެ ވާހަކަފުޅުގައި، މިންތީގެ ހަމަހަމަކަމަށް ކުރާ ދަތުރުގައި މިހާތަނަށް ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް މިދަތުރު އަދި ނިމެން ގާތްވެސް ނުވާކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ލީޑާޝިޕްގެ އެކިދައުރުތައް އަދާކުރާ އަންހެނުން ފާހަގަކޮށްލެވޭ މިންވަރަކަށް ހަރަކާތްތެރިވި ނަމަވެސް ތަފާތު ދާއިރާތަކުގައި އަންހެނުން ތަމްޞީލުކުރުމުގެ ބޭނުންތެރިކަން އަދިވެސް ބޮޑުކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެގޮތުން އަންހެނުން، އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރާއިރު، އަންހެނުންނަށް ކުރިއަށް ދެވޭނެ އަދި ކުރިއަރަންޖެހޭ ބައެއް ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު މަދުކަން ފާހަގަކުރެވޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ގާލް ގައިޑް ހަރަކާތަކީ ރާއްޖޭގައި ވަރަށް ކާމިޔާބު ހަރަކާތެއްކަން ފާހަގަކުރައްވައި އެ ހަރަކާތުގައި އުޅުއްވި ބައެއް ބޭފުޅުން ސަރުކާރާއި ޕްރައިވެޓް ސެކްޓާގައި ސީނިއާ ރޯލުތައް އަދާކުރައްވާތަން ފެނިވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއްކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.
އަދި އެކަމަނާގެ ވާހަކަފުޅުގައި ވަނީ މިއަދާއި މުސްތަގުބަލުގެ ޖީލުތަކުގެ މަންފާއަށްޓަކައި މި ލީޑަޝިޕް ހަރަކާތް އިތުރަށް ފުޅާކޮށް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ހިތްވަރުދެއްވާފައެވެ.
މި ރަސްމިއްޔާތުގައި އޭޝިއާ ޕެސިފިކް ސަރަހައްދާ ރާއްޖޭގެ ގާލް ގައިޑުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.
ވޯލްޑް އެސޯސިއޭޝަން ފޯ ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސް (ވެގްސް)ގެ އިސްނެގުމުގެ ދަށުން ޔަންގް ވިމެން އިން ގަވަނަންސްގެ ނަމުގައި ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އޭޝިޔާ ޕެސިފިކް ރީޖަން އިން "ޔަންގް ވިމެން އިން ގަވަނަންސް ނެޓްވޯކް"ގެ ނަމުގައި ޕްރޮގްރާމްތަކެއް ކުރިއަށްގެންދެއެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ޔަންގްވިމެން އިން ގަވަނަންސްއަށް ޝައުގުވެރިކަންހުރި ގްރޫޕާއި، މިހާރުވެސް ޔަންގް ވިމެން އިން ގަވަނަންސްގައި ހަރަކާތްތެރިވަމުންދާ ގްރޫޕްތަކުގެ މެދުގައެވެ.
މި ޕްރޮގްރާމްގެ ތެރެއިން އެކި ގައުމުތަކުގެ ބައިވެރިންނާ ބައްދަލުވެ، ގަވާނަންސްއާ ބެހޭގޮތުން އެކި ބައިވެރިންގެ ޚިޔާލާއި، ވިސްނުމާއި ތަޖުރިބާ ހިއްސާކޮށް، މެމްބަރު އޮގަނައިޒޭޝަންތަކުން ގަވަނަންސްގެ ދާއިރާއިން އަންހެނުންނާއި އަންހެންކުދިންގެ އަޑު އުފުލޭނޭ އެކިއެކި ގޮތްތަކާމެދު މަޝްވަރާކޮށް ގޮތްތަކެއް ހޯދާނެއެވެ.
މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ޔަންގް ލީޑާސް (18-30 އަހަރު)ގެ ތިން ދަރިވަރުން ހިމެނޭގޮތަށް ޖުމްލަ 22 ދަރިވަރުން އޭޝިޔާ ޕެސިފިކްގެ ނުވަ ގައުމުން ބައިވެރިވެއެވެ. ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ބަންގަލްދޭޝް، ކެމްބޯޑީއާ، ހޮންކޮން، މެލޭޝިޔާ، ނިއުޒީލެންޑް، ޕާކިސްތާން، ފިލިޕީންސް އަދި ސްރީލަންކާ ހިމެނެއެވެ.