ނިމިދިޔަ ސަރުކާރުގައި ރައްޔިތުންނަށް ނުދީ، ފެނަކައިގެ ދަރަނީގެ ގޮތުގައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން، ހަތް މަސް ތެރޭ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އާންމުކޮށް މަސައްކަތް ކުރާ ފަރާތްތަކާއި ކުންފުނިތަކަށް ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ އޮތް ކަމަށެވެ.
ނަމަވެސް، މި ހަތް މަސް ތެރޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވާ ކަމަށާއި އެ ފަރާތްތަކަށް ފައިސާ ދައްކައި ޚަލާސްކުރީ، މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކަށް ފައިސާ ދެމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން، ފައިސާ ދޫކޮށް ޚަލާސްކުރި ފަރާތްތަކުގެ ތެރޭގައި 278 ވެންޑަރުން ހިމެނޭ ކަމަށް މުއާޒް ވިދާޅުވިއެވެ.
މިހާރު ދިވެހި ރައްޔިތުންނަށް ނުދީ ހުރި ފައިސާގެ ތެރެއިން 300 މިލިއަން މި ހަތް މަސް ތެރޭ އަޅުގަނޑުމެން ދައްކާ ޚަލާސްކޮށްފިން. މި 300 ބިލިއަން ރުފިޔާ ދައްކާ ހަލާސްކުރީ އަޅުގަނޑުމެން މިހާރު ކުރަމުންދާ މަސައްކަތަކަށް ފައިސާ ދެމުންމުޢާޒް މުޙައްމަދު ރަޝީދު
އިތުރަށް ވާހަކަދައްކަވަމުން ފެނަކައިގެ އެމްޑީ ވިދާޅުވީ، މި ސަރުކާރާ ހަވާލުވީއިރު، ނާލު ބޯޓުތަކަށް މުދާ ވެސް އަރުވައިނުދޭ ކަމަށާއި އެންމެ ފުރަތަމަ ދައްކާ ނިންމީ އެ ފައިސާއާއި އާންމު ރައްޔިތުން ލައްވާ ކުރުވާފައި ހުރި ކުދި ކުދި މަސައްކަތަކަށް ނުދައްކާ ހުރި ފައިސާ ކަމަށެވެ.
މީގެއިތުރުން، އެ ކޯޕަރޭޝަނުން ޚަރަދުތައް ކުޑަކުރަމުން ކޮންމެ މަހަކު ވެސް ލިބޭ އާމްދަނީން ނުދައްކާ ހުރި ބިލުތަކުގެ ހުރި ބައެއް ބިލުތަކަށް ފައިސާ ދައްކަމުން އަންނަކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ފެނަކައިގެ ދަތުރުތަކަށް އަގުބޮޑުކޮށް ދޯންޏެއް ގަންކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަތަކަށް ރައްދެއްވާ މުއާޒު ވިދާޅުވީ، ކުރީގައި ކޮންމެ ދަތުރަކަށް ހަ ލައްކަ ނުވަތަ އަށް ލައްކަ ނުވަތަ އެއް މިލިއަނާއި ގާތްކުރާ އަދަދަކަށް ޚަރަދު ކުރާ ކަމަށެވެ.
ނަމަވެސް، އެ ކުންފުނިން މިހާރު އެއް އަހަރު ދުވަހަށް ދޯނި ކުއްޔަށް ނެގުމުން އަހަރެއްގެ މައްޗަށް 70 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށް އޭނާ ވިދާޅުވިވެ.
މުއާޒު ވިދާޅުވީ، ކުންފުނީގެ ޚަރަދުތައް ކުޑަކޮށް އަމިއްލައަށް ޚަރަދަށް ޒިންމާނެގޭ ކުންފުންޏަކަށް ފެނަކަ ހެދުމުގެ މަސައްކަތް ވެސް ކުރައްވާ ކަމަށެވެ.