ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާއި ގުޅިގެން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމް" މިހާތަނަށް 129 ކުއްޖަކު ފުރިހަމަ ކޮށްފައި ވާކަމަށް ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމްގެ ބައިވެރީން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައަކަވަމުން ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒު ވަހީދް ވިދާޅުވީ މި ޕްރޮގްރާމް ފާހަގަ ކުރެވެނީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން، ޖުމްލަ 27 ދަރިވަރަކަށް މިއަދު ވަނީ ޕްރޮގްރާމް ފުރިހަމަ ކުރުމުން ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި ޕްރޮގްރާމްގައި އަލަށް ބައިވެރިވި 20 ދަރިވަރަކަށް މިއަދު ވަނީ ސްޕޮންސާޝިޕް ލެޓާ ވެސް ހަވާލުކޮށްފައެވެ. ހަތަރު މަސްދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމު މިއަދު ދަސްވެނިވީ މި ޕްރޮގްރާމްގެ ފަސް ވަނަ ބެޗު ކަމަށް ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވަނީ ފާހަގަކުރައްވާފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_172097878311KskR.jpg)
ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވީ ޔުނިވާސަލް ފައުންޑޭޝަން އަދި ވިލާ ކޮލެޖު ގުޅިގެން ކުރިއަށް ގެންދާ ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުން ދަސްވެނި ވުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މޫސާ ނަދީމް
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އެންމެ ފުޅާކޮށް އެންމެ ފަހިކޮން އޮތް އެއް ދާއިރާ ކަމަށާއި، ނަމަވެސް މި ދާއިރާގެ މަސައްކަތުގެ މާހައުލަށް ބަލާއިރު އަދިވެސް ދިވެހީން ވަރަށް ބީރައްޓެހި ކަމުގައެވެ.
ޝަފީއު ވިދާޅުވީ ރަށް ކައިރީ ޖެހިގެން ރިސޯޓް އޮންނަ އިރުވެެސް މައިން ބަފައިންނަށް އެމީހުންގެ ދަރީންނަށް ވަޒީފާގެ ފުރުސަތު އޮތް ކަމަށް ބެލެވެނީ ރަށުގެ ކައުންސިލާ ރަށުގައި ހުންނަ ސަރުކާރުގެ ކޮންމެވެސް އިދާރާއަކުން ކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_172097865618JRvG.jpg)
ޔުނިވާސަލް ފައުންޑޭޝަން އަދި ވިލާ ކޮލެޖު ގުޅިގެން ކުރިއަށް ގެންދާ ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުން ދަސްވެނި ވުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ޝަފީއު ވާހަކަދައްކަނީ--- ސަން ފޮޓޯ/ މޫސާ ނަދީމް
"ޖުމްލަ ގޮތެއްގަ ވަޒީފާގެ މިހާބޮޑު ފުރުސަތެއް ހުޅުވިފަ އޮތް ކަމެއް އަޅުގަނޑުމެން ދިވެހީންނަކަށް ނުފެނޭ." ސްޓޭޓް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ އޯލެވެލް ނިންމާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި ޕްރޮގްރާމްގެ ދަސްވެނިން މިއަދު ފަތުރުވެރިކަމުގެ ސިނާއަތުގައި، ރިސޯޓްތަކުގެ ސީނިއާ މެނޭޖްމެންޓް ލެވެލްގައި މަސައްކަތް ކުރަމުން އަންނަކަން ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.